ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އަބްދުލް ފައްތާހު ނިޔާވެއްޖެއެވެ.

ފައްތާހް މިއަދު ނިޔާވެފައިވާ އިރު އޭނާ ނިޔާވީ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޭނާ ނިޔާވެފައި ވަނީ އުފަން ރަށް ހއ. ކެލާގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ފަރުވާއަށް ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެސް އެނގިފައި ވެއެވެ.

ފައްތާހް ވަނީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށުގެ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައިފައެވެ. މި ފަހުން އޭނާ ވަނީ މާލެއަށް ދަތުރެއްގައި އައިސް އުޅުމަށް ފަހު ރަށަށް ގޮސްފައެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ "ހައްދު" ފިލްމެވެ. އެއަށް ފަހު 2018 ގައި ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރިއެއް ވަނީ ފަށާފައެވެ. އޭގެ ފަހުން ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތަކުން އޭނާ ނުފެނެއެވެ.

ފައްތާހުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "14 ވިލޭރޭ"، "ވެހޭވާރޭ ތެރެއިން"، "ދޯޕައްޓާ"، "ހިނިތުންވެލާށޭ ކަލާ" އަދި "ތިއޭ މި ހިތުގެ ވިންދަކީ" ފަދަ ދިވެހިންގެ މެދުގައި މަގުބޫލުވި ޑްރާމާތައް ވެސް ހިމެނެއެވެ.