ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތަށް، އޭނާ ބަންދުކޮށްގެން ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މަންޑޭ ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލަ ފެންމަތިވެ، މަންޑޭ ހައްޔަރުކޮށް އޭނާގެ ގޭގައި ހުރި އަގުބޮޑެތި ސާމާނުތަކާއި، ދަބަހާއި، ސެންޓު ފަދަ ތަކެތިވެސް ވަނީ ހިފަހައްޓާފައެވެ. އެ ތަކެތީގެ އަގު 7 މިލިއަން ރުފިޔާއަށް އަރައެވެ.