ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް އެޕާޓްމެންޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކުންފުނީގެ އެއް ހިސާދާރު، މުހައްމަދު މަމްދޫހު (މަންޑޭ) އާއި ޖައިޝާންގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައި ވަނީ މއ.އެރަލްސީ، ހަސަން މަމްދޫހު އަދި ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ހުށަހަޅާފައި ވާއިރު ޖައިޝާންގެ މައްޗަށް ހުށަހަޅާފައި ވަނީ 98 ދައުވާއެވެ.

މި ތުހުމަތުތަކާއެކު މަންޑޭގެ މައްޗަށް ދައުލަތުން ވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އުފުލާފައެވެ.

މި މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އެއްކޮށް ފަށާފައިވާއިރު މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުން ވެސް އެދުނީ ވަކީލަކު އައްޔަން ކުރަން ފުރުސަތެއް ދިނުމަށެވެ. އަޑުއެހުމުގައި ދެ މީހުންގެ ފަރާތުން ވެސް ބުނީ، ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ބޭނުންވަނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދެ މީހުންނަށްވެސް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުހުމަތެއް ދީފައެވެ. ގާޒީ އަލީ ނަދީމް ވިދާޅުވީ ލިޔެކިއުންތައް ހަވާލުކޮށްފައިވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ.

އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގޮބޮޑެތި ސާމާނުތަކާއި ދަބަހާއި ސެންޓު ފަދަ ތަކެތި ވެސް ވަނީ ހިފަހައްޓާފައެވެ. އެ ތަކެތީގެ އަގު 7 މިލިއަން ރުފިޔާއަށް އަރަ އެވެ. މިތަކެތި އަނބުރާ ހޯދަން މަމްދޫހު ހައި ކޯޓާ ހިސާބަށް ދިޔަ ނަމަވެސް ހައި ކޯޓުން ވެސް ނިންމީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ.