މި މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އުފާ ފާޅުކުރުންތައް އަދިވެސް ފޯރިއާއެކު ކުރިއަށްދާ ރަށްތަކާއި ދާއިރާތައް އެބަހުއްޓެވެ. ތަފާތު ގޮތްތަކަށް އެކި ފެންވަރުގައި ދާއިރާ ހިމެނޭ ވަކި ވަކި ރަށްތަކުގެ ރައްޔިތުން އެކަން ކުރަމުންދާއިރު ށ. ފުނަދޫ ދާއިރާގައި ހިމެނޭ މާއުނގޫދޫއިން އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހްއަށް ކީ ހޫނު މަރުހަބާގެ ތަފާތު ކަން ދައުރުވަމުން ވީޑިއޯތަކުން ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގަތްފައެވެ. އީދެއްގެ ގޮތުގައި ގިނަ ބަޔަކަށް އެ ވީޑިޔޯތައް ވަނީ ސިފަވެފައެވެ.

ފުނަދޫ، މާއުނގޫދޫ އަދި ޅައިމަގު ތަމްސީލުކުރަން ޅަ އުމުރުގައި، ޒުވާން ޖޯޝާއެކު މަމްދޫހް ނިކުމެވަޑައިގެންނެވީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައެވެ. ބޮޑު ތަފާތަކުން އެ ދާއިރާގެ ގޮނޑި މަމްދޫހް ކަށަވަރުކުރެއްވިއިރު އޭނާ ވަނީ އެންމެ ގިނަ ވޯޓު ލިބުނު 10 ކެންޑިޑޭޓުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންފައެވެ.

މަރުހަބާގެ ވާހަކަތަކާ ހިސާބަށް ދިއުމުގެ ކުރިން މަމްދޫހްގެ ކެމްޕެއިން ހަރަކާތްތަކުގެ ވާހަކަތަކަކީވެސް ދައްކާލަން ކޮންމެހެން ޖެހޭ ވާހަކަތަކެކެވެ. މާނަ ފުން "ބަދަލުގެ އޮއިވަރުގެ" ޝިޔާރު ހިއްޕަވައިގެން ނިކުމެ ވަޑައިގެން މަމްދޫހްގެ ކެމްޕެއިން ހަރަކާތްތަކުގައި މުޅިންވެސް ބޭނުންކޮށްފައިވަނީ 1900 ގެ އަހަރުތަކުގެ ރީތި ލަވަތަކެވެ.

ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހުގެ ކާމިޔާބީ ޖަލްސާ، މާއުނގޫދޫގައި---

ހޮޅުދޫ އަބްދުﷲ އާއި ހަމްދީ ފަދަ ބޭބޭފުޅުންގެ މާނަ ފުން ލަވަތައް މަމްދޫހްގެ ކެމްޕެއިންތަކުގައި ބޭނުންކޮށްފައިވާއިރު ކެމްޕެއިން ވީޑިއޯތައް ބަލާލުމުންވެސް އެ ލަވަތައް އެންމެ މަޝްހޫރުވި ދުވަސްވަރުގެ މަންޒަރުތައް ހަނދާނަށް އަންނާނެހާ ވީޑިއޯތައްވެސް ފުރިހަމައެވެ. ވީޑިޔޯތަކުގެ ކުލަ ގެންގުޅެފައި ވަނީ ވެސް އެ ފަދަ ގޮތަކަށެވެ.

އިންތިހާބުވެވަޑައިގެންނެވި ފަހުން އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ބޭނުންކުރަމުންގެންދަނީ "ބަހާރެކޭ އައި މި މޫސުން ބަހާރެކޭ" ފަދަ ލަވަތަކެވެ. އެހެން ހުރިހާ ކެންޑިޑޭޓުންނާ މުޅިން ތަފާތެވެ. ޓީޝާޓާއި ކެމްޕެއިންގެ ކޮންމެ ހަރަކާތެއްގައިވެސް ހިމެމެނީ، ތޫނިފިލި ވިސްނުމާއި އުފެއްދުންތެރިކަމެވެ. މަމްދޫހް ވިދާޅުވީ އެ ހުރިހާ މަސައްކަތެއްގެ ފަހަތުގައި ތިބީ ޒުވާން ޓީމެއް ކަމަށާއި ބަދަލުގެ އޮއިވަރުގެ ޝިއާރަކީ އިނގިރޭސި "ވިންޑް އޮފް ޗޭންޖް" ދިވެހިވަންތަ ގޮތަކަށް ބަދަލުކޮށް ބޭނުންކުރަމުން ދިޔަ ޝިއާރެއް ކަމަށެވެ.

މަމްދޫހްގެ ހަރަކާތްތަކުގައި ބޭނުންކުރަމުންދާ ލަވަތަކުގެ މާނަ ފުންވެފައި ހަރަކާތާ ވަނީ ގުޅިލާމެހިފައެވެ. މިހާރު ބޭނުންކުރަމުންދާ ބަހާރެކޭ ލަވައާ ގުޅިގެން މަމްދޫހް ވިދާޅުވީ އެއީ ވަރަށް އުފާވެރިކަން އިހުސާސްކުރެވޭ ލަވައެއް ކަމަށާއި މަމްދޫހްގެ ކާމިޔާބީއަކީވެސް ތާރީހީ ކާމިޔާބީއެއް ކަމަށެވެ. 17 އަހަރު ފަހުން އެ ދާއިރާގެ ރަށެއްގެ މެޖޯރިޓީ މިހާރު ވެރިކަން ކުރާ ފިކުރަށް ފުރޮޅާލިކަން ފާހަގަކުރައްވާ މަމްދޫހް ވިދާޅުވީ މިއީ އެންމެވެސް ބޭނުންވެގެން ކުރި މަސައްކަތުގެ ފޮނި މީރު ކަން ކަމަށާއި މިއީ އުފާވެރިކަމުގެ މޫސުމެއް ކަމަށެވެ.

ގިނަ ބަޔަކު ގުޅިގެން މަޝްވަރާގެ މަތިން ކުރިއަށްދިޔަ އެ ކެމްޕެއިންގެ ތިން ރަށުގައި މަސައްކަތް ކުރި ކެމްޕެއިން ޓީމަށް ހާއްސަ ޝުކުރެއް މަމްދޫހް އަދާކުރައްވައެވެ. އަދި ހާއްސަކޮށް 24 ގަޑިއިރު ކެމްޕެއިންއެއް ކުރިއަށް ގެންދަން މަސައްކަތް ކޮށްދިން ސޯޝަލް މީޑިއާގެ ޓީމާއި ވަޒީފާތައް ގުރުބާންކޮށް ކެމްޕެއިންގައި ހޭދަކުރި ކޮންމެ މީހަކު މަމްދޫހްގެ އެ ޝުކުރުގައި ހިމަނާލައެވެ.

މަމްދޫހް ވިދާޅުވީ ވަކިން ހާއްސަކޮށް ހަސަން ހަމްދޫން، އަލީ ރިޒްވީން، އަދި މުހައްމަދު އަޔާޒުގެ ނަން އެ ޝުކުރުގެ ލިސްޓުގައި ފާހަގަކޮށްލަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހް--

އުފާ ފާޅުކުރުމުގެ ހަރަކާތްތައް އަދިވެސް ކުރިއަށް!

މަމްދޫހްގެ ދާއިރާގައި ހިމެނޭ ތިން ރަށުގައި ވެސް އެކި ފެންވަރުތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް އެބަދެއެވެ. ކާމިޔާބު ލިބިވަޑައިގެން ރޭ ފުނަދޫގެ އެކި ޓީމުތަކަށް އެކި ފެންވަރުގައި އެ ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު އާއިލާތަކުން އިސްނަގައިގެންވެސް އެ ކާމިޔާބީ ވަނީ ފާހަގަކޮށްފައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ހަނދާނުން ފޮހެލަން ދަތިވި ވަގުތު ކޮޅަކީ މަމްދޫހްގެ މަންމަ އޭނާގެ ބޮލުގައި ތާޖެއް އަޅުވާލި ވަގުތުކޮޅެވެ. އެ ވަގުތު ކޮޅު މަންމަގެ މޫނުން ފެނުނު އުފާވެރިކަމުން އިތުރަށް އުފާވިކަން މަމްދޫހް ފާހަގަކުރެއްވިއެވެ.

"މަންމަ އައިސް ބޮލުގައި ތާޖެއް އެޅުވި ވަގުތު. އެއީ ހަނދާނަކުން ނުދާނެ ވަގުތު ކޮޅެއް. މަމްދޫހަށްވުރެ މާ އުފާވެރިކަން ފެނުނޭ މަންމަގެ މޫނުމަތިން. މަންމަ އުފާވެރިފާ ހުރިތަން ފެނުމުން މާ އުފާވި."
މަމްދޫހް

މިހާތަނަށް މަމްދޫހްއަށް ލިބުނު އެންމެ ތަފާތު، އަދި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް މަރުހަބާއަކަށް ވީ މާއުނގޫދޫއިން މަމްދޫހްއަށް ކީ މަރުހަބާއެވެ. ރަސްރަސްކަލުން ކުޑަކޮޅުގައި ގެންދަވާހެން ބޮޑުބެރުގައި ޖަލްސާ އޮންނަ ސަރަހައްދަށް މަމްދޫހް ގެންދެވީ ތާޖަކާއި ޝޭޝްއެއް އަޅުވާ، "ބަހާރެކޭ" ލަވަ ކިޔަމުންނެވެ. އަދި ޖަލްސާ ކުރާ މާލަން ޕީޕީއެމް އަދި ޕީއެންސީގެ ކުލައިގެން ރީތިކޮށް، ތަފާތު ގޮތަކަށް އެ ރޭ ވަނީ ތައްޔާރުކޮށްފައެވެ.

ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހްއަށް، މާއުނގޫދޫއިން ކީ ހޫނު މަރުހަބާ--

މަމްދޫހް ވިދާޅުވީ އެ ފިކުރަށް މާއުނގޫދޫއިން ލިބުނު ވޯޓަކީ ރިކޯޑް އަދަދެއްގެ ވޯޓު ކަމަށާއި މި ފަހަރަކީ ހުރިހާ އުމުރެއްގެ މީހުންވެސް އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރި ފަހަރެއް ކަމަށެވެ. އަދި އެ ރޭ ވާހަކަދައްކަން ލިބުނު ފުރުސަތުގައި މަމްދޫހް ވަނީ އެ މަރުހަބާ ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ކިޔޭ އެންމެ ހޫނު މަރުހަބާއަށް ކަމަށް ފާހަގަވެސް ކުރައްވާފައެވެ.

"ހުސް ސަޕްރައިޒް އެ ރަށުގެ މަރުހަބާގެ ހުރިހާ ކަމެއްވެސް ދިޔައީ"
މަމްދޫހް

ޕިކަޕު ބުރުތަކާއި ސައިކަލު ބުރުތަކާއި އެކި ގޮތްގޮތަށް އެ ކާމިޔާބީ ފާހަގަކުރަމުންދާއިރު ޅައިމަގުގެ މަރުހަބާތައްވެސް ހަމަ އެފަދައެވެ. މަރުހަބާ ކިޔަން ދިގު ސަފެއް ދަމާލާފައިވާއިރު އެ ރަށުންވެސް މަމްދޫހަށް ކީ ތަފާތު މަރުހަބާއެކެވެ. މިރޭ ފުނަދޫގައި މަމްދޫހްގެ ކާމިޔާބީ ފާހަގަކުރަން ބޮޑު ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު އެ ހަރަކާތުން ސަޕްރައިޒްތައް ލިބިގެންދާނެ ކަން މަމްދޫހް ފާހަގަކުރައްވައެވެ.

މަޖިލީހުގެ ތަޅުމުން ފުނަދޫ ދާއިރާގެ އަޑެއް ނުކެނޑޭނެ!

މަމްދޫހް ގެންދަވަނީ ހުވާ ކުރުމާ ދެމުގައި އޮތް ދުވަސްކޮޅުގައިވެސް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ. ދާއިރާގައި ހުއްޓިފައިވާ މަޝްރޫއުތަކާއި ފަށަން ބޭނުންވާ މަޝްރޫއުތަކާ ގުޅިގެން އެކަމާ ގުޅުންހުރި ކުންފުނިތަކުގެ ޓީމުތައް ދާއިރާއަށް ގެންގޮސް އެކަންކަން ބަލާ އެކަންކަން އަވަސްކުރުމުގެ މަސައްކަތްތައްވެސް ފަށާފައެވެ.

މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

މަމްދޫހް ވަނީ މިދިޔަ ތިން ދައުރުގައި ރައްޔިތުންގެ ގާތަށް މެންބަރުން އައި އަދަދާއި މަޝްރޫއުތައް ކުރިއަށް ގެންދެވުނު އަދަދުތައް ނޯޓުކޮށްފައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. ދާއިރާގެ ރައްޔިތުންނަށް މަމްދޫހް ދޭ ޔަގީންކަމަކީ މަޝްރޫއުތައް ކުރިއަށް ގެންދަން މަސައްކަތްކޮށް، ދާއިރާގެ ރައްޔިތުންގެ ގާތަށް އަންނާނެ މެންބަރެއްގެ ގޮތުގައި އޭނާ ފެނިގެންދާނެ ކަމަށެވެ. އަދި މީގެ ކުރީގެ ދައުރުތަކާ މަމްދޫހްގެ ދައުރު ތަފާތު ވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވައެވެ.

މަމްދޫހް ވިދާޅުވީ ދައުރު ނިމޭއިރު މަޖިލީހުގެ މަސައްކަތްތަކުގައި ރާއްޖޭގެ 5 ވަނާގައި ފުނަދޫ ދާއިރާ ގުނާ ވަރު އޭނާ ކޮށްދެއްވާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންތެރި މެންބަރަކަށް އޭނާ ވާނެ ކަމަށެވެ. އަދި ފުނަދޫގެ ދާއިރާގެ އަޑަކީ މަޖިލީހުގެ ތަޅުމުން އަބަދުވެސް އިވޭނެ އަޑަކަށްވާނެ ކަމުގެ ޔަގީންކަން މަމްދޫހްގެ އެބައޮތެވެ.