ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ މާލީ ބަޔާނުގައި އޭނާގެ ހުންނެވި ވިޔަފާރި ކުންފުނިތަކުގެ ހިއްސާތައް ހިމަނާފައި ނުވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު މާލީ ބަޔާންތަކުން ހާމަވި ގޮތުގައި ބައެއް މެންބަރުންނަށް ލައްކައިން ހަދިޔާ ލިބިވަޑައިގެންފައިވީއިރު އަނެއްބައި މެންބަރުންގެ އެކައުންޓުގައި ލޯ ލާރިއެއް ވެސް ނެތެވެ.
އެގޮތުން ގިނަ ވިޔަފާރިތަކެއްގެ ހިއްސާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ މާލީ ބަޔާނުގައިވެސް އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ އެކަންޏެވެ. މުސާރައިގެ ގޮތުގައި 927،532ރ. ލިބިވަޑައިގެންނެވިއިރު ބިމު ކުއްޔާއި ވިޔަފާރި ނަފާ އަދި ހިއްސާތަކުން އެއްވެސް ފައިސާއެއް ނެތެވެ. އަދި ހަމަ އެހެންމެ މުދަލާއި ވިޔަފާރި ހިއްސާތަކާއި ވިޔަފާރީގެ ގޮތުގައި ވެސް އެއްވެސް އެއްޗެއް ނެތެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔުމާ ގުޅިގެން އައްބާސް ރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ހިއްސާ ތިން ކުންފުންޏެއްގައި އޮންނަ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އޭނާގެ މެޖޯރިޓީ ހިއްސާ އޮތް އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތީމާ ކަމަށެވެ. އަދި ހަމަ އެހެންމެ އެ ތިން ކުންފުނީގެ މައުލޫމާތު މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެ ކުންފުނިތަކުގެ ދެންތިބި ހިއްސާދާރުންގެ މަސްލަހަތު އޮތް ކަމަކަށް ވާތީ ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އަދި ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ ދެން ތިބި ހިއްސާދާރުން އިއުތިރާޒް ނުކުރާ ނަމަ އެ މައުލޫމާތު ވެސް ހިމެނުމަށް ޖެހިލުމެއް ނުވާނެ ކަމަށް އައްބާސް ވިދާޅުވެފައި ވެއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު، މަންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަލީ ބަޔާނަކީ، ހާމަކަން ބޮޑު ގޮތެއްގައި، އެއްވެސް ކަމެއް އޮޅުވާނުލައި، ތެދު މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ކޮންމެހެން ހުށައަޅަން ޖެހޭ ބަޔާނެއް ކަމަށެވެ.
އަދި ކުންފުންޏެއްގައި، އެންމެ ހިއްސާއެއް އޮތްނަމަވެސް، އިތުރު ބަޔަކު ތިބެ އިއުތިރާޒު ކުރިނަމަވެސް، އެ މެންބަރުގެ ހިއްސާ އޮތިއްޔާ އޮތް، ހިއްސާއެއްގެ މައުލޫމާތު، މާލީ ބަޔާނުގައި ހިމަނާ ހާމަކުރަން ޖެހޭނެކަމަށް މަމްދޫހު ވިދާޅުވިއެވެ.
އަދި އެފަދައިން އަމަލު ނުކުރާނީ ސީދާ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މާލީ ހިސާބުން ހާމަކުރަންޖެހޭ، ކަންކަން ފޮރުވާ ސިއްރުކުރުމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކަމެއް ސިއްރުކޮށް އޮޅުވާލާ، އެކަން ރައްޔިތުންނަށް ފަޅާއެރުމުން ދެން އެކަމެއް ހާމަކުރާނަމޭ ބުނީމާ، މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނި ސަބަބު ރައްޔިތުންނަށް، އޮޅޭހާ ރައްޔިތުން ގަމާރެއް ނުވާނެ ކަމަށް ވިދާޅުވެ މަމްދޫހު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އައްބާސްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރޭގައި ސާއްބަ ބްރަދާސް ޕްރައިވެޓް ލިމިޓެޑް، ސާއްބަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް، އަދި ސާއްބަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި ކުންފުނިތަކުގައި އޭނާ ހިއްސާދާރެއްގެ އިތުރުން ބޯޑު މެންބަރުކަމާއި މެނޭޖިންގް ޑިރެކްޓަރުކަން ފަދަ މަގާމުތައް ފުރުއްވައެވެ.
އައްބާސްގެ މާލީ ބަޔާނުގައި 8 ބޭންކް އެކައުންޓެއްގައި ޖުމްލަ 4,015.85 ރުފިޔާ އާއި 3 ޑޮލަރު ހުރި ކަމަށް ދައްކާއިރު، މިދިޔަ އަހަރު އެކަނިވެސް ބީއެމްއެލްއިން 849,000 ރުފިޔާ އަދި އެމްއައިބީން 731,340.38 ރުފިޔާގެ ލޯނު ނަގާފައިވެއެވެ.