ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބަރުކަމަށް ނަގާ ފީ ކުޑަކޮށް، އިތުރު ލުއި ފުރުސަތުތަކެއް ދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ފަތުރުވެރިކަން ޕްރޮމޯޓުކުރާ ސަރުކާރު ކުންފުނި ވީއެމްސީ އިން މި ބަދަލު ގެންނަން ނިންމީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުންދީ، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ އަންނަ އަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބާޝިޕް ފުރުސަތުތަކެއް ތައާރަފްކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ގެސްޓްހައުސް ވިޔަފާރިތަކުން ދައްކަން ޖެހޭ 1،000 ޑޮލަރުގެ ބަދަލުގައި، 25 ކޮޓަރިއަށް ވުރެ މަދުން ހިންގާ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި ބާކީ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ.
މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މެންބާޝިޕް ފީގެ އިތުރުން ރޯޑް ޝޯތަކާ، ފަތުރުވެރި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، އެ ކޯޕަރޭޝަނުގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ޑިޖިޓަލް ޝޯ ކޭސް ރެޕްރެޒެންޓޭޓް ކޮށްދިނުމާ، ވިޔަފާރިތައް ފުޅާކޮށް މާކެޓު ކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރިތައް ބައިނަލްއަގުވާމީ މާކެޓުގައި ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
