ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސްއިން ނައްތާލައިފިއެވެ.

ކަސްޓަމްސް އިން މިރޭ ބުނީ، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން ހިފަހައްޓާފައި ހުރި 1,830,000 ސިނގިރޭޓް ސްޓިކްސް މިއަދު ނައްތާލާފައިވާ ކަަމަށެވެ.

މި ތަކެތި އަތުލައިގަތީ އައްޑޫ ސިޓީ ބަނދަރަށް އެތެރެކުރަން އުޅެނިކޮށްކަމަށް ކަސްޓަމުން ވަނީ މައުލޫމާތު ދީފައެވެ. އައްޑޫ ކަސްޓަމްސް ސަރަހައްދުގައި މި ތަކެތި ނައްތާލުން ކުރިއަށް ގެންދިޔައީ ކަމާބެހޭ އިދާރާތަކުގެ ހާޒިރުގައެވެ.

އެގޮތުން ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ނުވަތަ މިންގަނޑަށް ނުފެތޭ މުދާ ނައްތާލުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ކަމަށް ވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް ވަނީ ކަސްތަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ނައްތާލާފައެވެ. އެފަހަރު 199 ކޭހުގެ ސިނގިރޭޓު ނައްތައިލީ މީޑިއާތަކުގެ ހާޒިރުގައި ދޫނިދޫގަ އެވެ.