އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ
- އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ
- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި އަލްފާފާއި އަމީން ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މި އެންމެންނަކީ ވެސް 'މައިލޯ' އަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ނަދީމް އަކީ މި ގުރޫޕް ލީޑްކުރާ ފަރާތްކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހޯދިފައިވާ ބައެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
