1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ލަފާގެ މަތިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނެވީ އިއްޔެއެވެ.

މި އިސްލާހާއެކު 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުން ޑިސެންބަރު 1، 2027 އަށް ވަނީ ފަސްކޮށްފައެވެ. މި އިސްލާހުގެ ކުރިން ޕްލާސްޓިކް ކުދި ފުޅި މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައިވަނީ ޑިސެންބަރު 1، 2025 ގައެވެ.

މި އިސްލާހު ގެންނެވުމުގެ ކުރިން ޕްލާސްޓިކް ކުދި ފުޅި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމަވާފައި ވަނީ މާޗު 1، 2026 ގައެވެ. އެހެންނަމަވެސް އިސްލާހާއެކު މި ތާރީހު ވަނީ ޖޫން 1، 2028 އަށް ބަދަލުކޮށްފައެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ކަނޑައަޅާ އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އެކުލަވާލާފައިވާ ގަރާރުގެ ދަށުން 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމަށް ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ހިމެނެއެވެ.

މީގެއިތުރުން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރުގެ އިތުރުން 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން ވެސް ހިމެނެއެވެ.