ބޭންކް އޮފް މޯލްޑިވްސްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކުއު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުމެވެ. މި އެސްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެ ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑާތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިންގް ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެ ކަމަށް ބޭންކުން ބުނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުނުކަމީ ލިބުނު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަޤްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ.

މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރަން ނުޖެހޭނެކަން ފާހަގަކޮށްއެނ ބޭންކުން ބުނީ، އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއާ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ބީއެމްއެލްއިން ވަނީ އެހީތެރިވެފައެވެ.