ރާއްޖެ އަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވުނު މަސައްކަތުން އެއް އަހަރުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވުނު ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 ޕަސެންޓު މަދުވެއްޖެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ކުނީގެ މައްސަލައަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި، ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އއ. އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މެދު ފަންތީގެ ގައުމަކަށް ރާއްޖެ ބަދަލުވެ، ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކަށް މައްޗަށް ޖެހި، ކުނި އުފެދޭ މިންވަރު ވެސް އިތުރުވެއްޖެ ކަމަށެވެ.

ތިމާވެށީގެ ދުވަސް ފާޙަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރެއިން ވެސް ހައްލު ހޯދަން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަ ކަމަށް، ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެ އަށް އެތެރެކޮށް، އެތަކެތި އުފައްދައި ބޭނުންކުރުން މަނާކޮށް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ރާއްޖެ އަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 ޕަސެންޓު މަދުވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ، ރާއްޖެ އަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ގައުމަކަށް ހެދުން، އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން." ރައީސް ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ މިހާރު އަމާޒަކީ ކޮންމެ ރަށެއްގައި ޒަމާނީ ކުނިކޮށްޓެއް ގާއިމްކޮށް، އެ ތަންތަނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުން ކަމަށާއި، ރަށު ފެންވަރުގައި މެނޭޖުކުރެވޭ ކުނި، ތިން ސަރަހައްދެއްގައި ގާއިމްކުރާ ސަރަހައްދީ މަރުކަޒުތަކަށް ގެންގޮސް، ތަހުޒީބު މުޖުތަމައުތަކުގައި އެކަން ކުރާ އުސޫލުން ކުނި މެނޭޖުކުރުން ކަމުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.