ޕްލާސްޓިކް ކޮތަޅު ވިއްކާ އިރު ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއް ވިއްކާ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ މައްސަލަ ހައްލު ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އެންވަޔަރަމަންޓް މިނސިްޓްރީން ބުނެފައި ވީ ނަމަވެސް އެކަން ހައްލު ނުކޮށް އަންނަ ހަފްތާ މަޖިލިސް ޗުއްޓީއަށް ދާތީ އާންމުންނާއި މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު ފާސްކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގައެވެ. ގާނޫނު ތަސްދީގު ކުރިތާ ހަތަރު މަސް ފަހުން އެއަށް އަމަލު ކުރަން ފެށިއިރު މިވަނީ ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައެވެ. އެގޮތުން 100 ކޮތަޅު ހުންނަ ބޮޑިއަކުން 200 ރުފިޔާ އިތުރިވެފައިވާ އިރު މިކަމާ އާންމުންގެ ޝަކުވާތައް އިތުރުވެ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެ ކަމާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައި ކަމަށެވެ. ނަމަވެސް އެ ބިލް މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ ވަނީ އުނިކޮށްފައި ކަމަށެވެ.

އެ މާއްދާ އުނިކޮށްފައި ވީ ނަމަވެސް އެ ބިލަކީ ކުނީގެ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށް ވާތީ ސަރުކާރުން ނިންމީ އެ ބިލު ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ހުރިހާ މައްސަލަތަކެއް ފެންމަތިވުމާއެކު ރައްޔިތުން ތިބީ މަޖިލީހުން އެ އިސްލާހު ފާސް ކުރާނެ ދުވަހަކާ މެދު ކެއްމަދުވެފައެވެ. ނަމަވެސް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ލިބިދާނެ ކަމާމެދު ޝައްކު ކުރެވޭ ކަމަށް ބުނެ މެދު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ރޭ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓް ގައި އުޝާމް ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގައި ރައީސް ސޯލިހު ތަސްދީގު ކުރެއްވިއިރު ވެސް އޭގެ 4 މަސްފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި ކަމަށެވެ.

"މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ. މިބިލްގެ އިބްތިދާއީ ބަހުސްވެސް އަދި ނުފެށޭ." އުޝާމް ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވިއެވެ. އަދި އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލިސް 15 ދުވަހުގެ ޗުއްޓީއަކަށް ދާނެ ކަމަށެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި ކޮތަޅުގެ އަގުގެ މައްސަލަ އަށް ހައްލެއް ލިބިދާނެ ކަމާމެދު ޝައްކު ކަމަށް އުޝާމް ވިދާޅުވިއެވެ.

ކޮތަޅުން ނަގާ 2 ރުފިޔާއާ ގުޅިގެން ކާބޯތަކެތީގެ އަގުތަކަށްވެސް ބަދަލު އައިސްފައިވާ މިދަނޑި ވަޅުގައި އާންމުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާލްސްޓިކް ކޮތަޅުން ފީއެއް ނަގަަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭޣައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބު ކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަަމަށް ވެފައި، އެ ސިޔާސާތު ރާއްޖޭގައި ތަންފީޒު ކުރުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީ ކަމަށް ބުނެއެވެ. ނަމަވެސް މިހާރު ގަވާއިދު އޮތް ގޮތުން ރައްޔިތުން އުފުލަންޖެހޭ ބުރަ ދަނީ އިތުރުވަމުންނެވެ.