ފުވައްމުލަކު ސިޓީއަށް ފެން ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކާއި ގުޅިގެން މިދިޔަ މަހުގެ ސަޕްލައި ފެނަށް ބިލު ނުކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކުގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުންފަފަ ކަންކަންކަން މެދުވެރިވެފައިވާކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ފުވައްމުލަކުގެ ރައްޔިތުންނަށް ފެން ލިބުމުގައި ކުރިމަތިވި ދަތިތަކަށް ރިޔާއަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީގެ ފެނަށް ބިލުނުކުރާ ގޮތަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު ސިޓީއިން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި ދިމާވި މައްސަލަ ހައްލުކޮށް، އަލުން ފެން ދޫކުރަން ފަށާއި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.