ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާ ހުށަހެޅުމަށް އުސޫލެއްގެ ގޮތުން އެއްބަސް ވެވޭ ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.
ޖުމްލަ 28 ނުކުތާއެއްގެ މައްޗަށް އޮތް އެ ޕްލޭނަކީ، އެތައް ހަފްތާއެއް ވާން ދެން ޔޫކްރައިން އާއި އެމެރިކާގެ އޮފިޝަލުން ބައްދަލުކޮށް ކޮށައި މަށާ ހަދާފައިވާ ޕްލޭނެކެވެ.
އެ ޕްލޭނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، ދެފަރާތުގެ މަޝްވަރާއާއެކު ކަންކަން އެއްގޮތް ކުރެވިފައި ވާ ކަމަށެވެ. އަދި މި ކަމުގައި ކުރިއަށް ދިޔުމަށް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ގެ އަރިހަށް ވަޑައިގަތުމަށް ދަންނަވާފައި ވާ އިރު، އާމީ ސެކްރެޓަރީ ޑޭން ޑްރިސްކޮލް، ޔޫކްރައިން އަށް ވަޑައިގެން ރައީސް ވްލަޑިމިއާ ޒެލެންސްކީ އާ ބައްދަލު ކުރެއްވުމަށް ދަންނަވާފައި ވާ ވާނެކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ޔޫކްރައިން އާއި އެމެރިކާއިން އެއްބަސްވި ޕްލޭނާ ބެހޭ ގޮތުން، ކްރެމްލިން (ރަޝިއާގެ ވެރިކަން ކުރާ ސިޓީ) ގެ އޮފިޝަލުން ބުނީ، އެ އެއްބަސްވުމާ ގޮތުން ރަޝިއާގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.
"އެކެރިކާއިން ފުރަތަމަ އެކުލަވާލި ސުލްހައިގެ ފްރޭމްވޯކަށް ރަޝިއާއިން ތާއީދު ކުރިން، ނަމަވެސް މިހާރު އެ ނިންމި އެއްޗަކީ، ރަޝިއާއިން ތާއީދު ކުރި ފްރޭމްވޯކާ ހިލާފަށް އޮތް އެއްޗެއް ނަމަ އެއްބަސް ނުވެވޭނެ" ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވިއެވެ.
ކްރެމްލިން އިން ބުނީ، އިއްޔެއާ ހަމައަށް އެއްބަސްވުމުގެ ކޮޕީއެއް ލިބިފައި ނުވާ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާއިން ފާޅުގައި ވާހަކަ ދައްކާފައި ނުވި ނަމަވެސް، އެމެރިކާގެ އޮފިޝަލް ޑޭން ޑްރިސްކޮލް އާއި ރަޝިއާގެ މަންދޫބުން ވަނީ، އިއްޔެ އާއި އޭގެ ކުރީ ދުވަހު އަބޫދާބީގައި ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ކަމަށް ހަބަރުތައް ބުނެއެވެ.
ޔޫކްރައިން ހަނގުރާމައިގެ މައްސަލަ ދިގުލައިގެން ދަނީ، ހަނގުރާމައިގެ ތެރޭގައި ރަޝިއާއިން ހިފާފައި ވާ ޔޫކްރައިން ގެ ބިންތައް ދޫކޮށްލަން ރަޝިއާއިން ދެކޮޅު ހެދުމާއި، އެ ބިންތައް ރަޝިއާ އަށް ދޭން ޔޫކްރައިން އެއްބަސް ނުވާތީއެވެ. މީގެ އިތުރުން ޔޫކްރައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހުޅަނގާއި އެމެރިކާއިން މުތުލަގަށް އެއްބަސް ވެފައި ނުވުމަކީވެސް މައްސަލަ ދިގުލައިގެން ދާ ސަބަބެކެވެ.
އެމެރިކާއިން މިފަހަރު ހުށަހެޅި 28 ޕޮއިންޓުގެ ޕްލޭންގައި ޔޫކްރައިންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ދިނުމުގެ ގެރެންޓީ އެމެރިކާއިން ދެއެވެ. ނަމަވެސް އެމެރިކާއިން އެއްބަސް ނުވާ ކަމަކީ، ޔޫކްރައިންގައި އެގައުމުގެ ސިފައިން ބޭތިއްބުމެވެ.
ބިންތަކުގެ މައްސަލައިގައި އެމެރިކާގެ ހުށަހެޅުމަކީ، ޔޫކްރައިން އާއި ރަޝިއާއިން ކޮންމެވެސް ވަރެއްގެ ދުލެއް ދިނުމާއެކު ބައެއް ބިންތައް ދޫކޮށްލުމެވެ.
