ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.
24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ. ފުލުހުން ބުނެފައިވަނީ އެއީ މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނެއް ކަމަށާއި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެ މައްސަލަ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން މަސްތުގެ ހާލަތުގައިހުރެ، މަންމައަކު ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 50 އަހަރުގެ މަންމަ ހައްޔަރުކޮށްފައިވާއިރު، އޭނާގެ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
