ފުވައްމުލައް ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރަން ތައްޔާރުވެފައިވާ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
ފުވައްމުލައް ސިޓީއަށް ފޯރުކޮށްދެމުންދާ މުނިސިޕަލް ފެނުގެ މައްސަލަ ދިމާވެފައި ވަނީ ފެނަކައިން އުފައްދަމުންދާ ފެނުގައި ތަޣައްޔަރު ކަމެއް ހުރުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ޕްލާންޓް ސާފުކުރުމުގެ މަސައްކަތަށް ފެނުގެ ހިދުމަތް ވަނީ މި މަހުގެ 10 ވަނަ ދުވަހު މެދުކަނޑާލާފައެވެ.
އެއާއެކު އެމްއެންޑީއެފް އާއި ފުލުހުންގެ އެހީތެރިކަމާއެކު ފުވައްމުލަކަށް ކަނޑާއި ވައިގެ މަގުން ފެން ފޯރުކޮށް ދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުން ވެސް ދަނީ އެ ފެން ޕްލާންޓް ސާފުކޮށް ސާފު ފެން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕްލާންޓްތައް ސާފުކޮށް ދޫކުރަން ތައްޔާރުކޮށްފައިވާ ފެން ޓެސްޓު ކުރުމަށް އެމްއެފްޑީއޭއާ ފޮނުވާފައިވާ ކަމަށް އިއްޔެ ފެނަކައިން ވަނީ ބުނެފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހއްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާ ކަމަށެވެ. މި ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން އެ ފެނަކީ ސިއްހަތާ ބެހޭ ޖަމްއިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
ފެނުގެ މައްސލަަ ދިމާވުމާ ގުޅިގެން އެ ރަށޫގެ ގިނަ ބަޔަކު ވެސް ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގަިއ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަސާސީ ހިދުމަތެއް ނުލިބި ގިނަ ވަގުތުތަކެއް ހެޑަ ކުރަން ޖެހުމުން އެ ތަކުލީފް ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ. އަދި ފެނަކައިން ދޫކުރާ ފެނަކީ ސާފު ފެން ކަމާ މެދުވެސް އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
