ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް 320 ކިލޯވޮޓުގެ އިތުރު ޖެންސެެޓެއް އދ. ދިގުރަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ މި ދަނޑިވަޅަކީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން އދ. ދިގުރަށަށް އަންނަމުންދާ ތަރައްގީއާއި ގުޅިގެން ކަރަންޓުގެ ހިދުމަތް އިތުރުވަމުންދާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން ޑިމާންޑް ދެނެގަނެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިހާރު އެރަށަށް ގެންދެވިފައިވާކަމަށް ސްޓެކްލޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ދިގުރަށުގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

ކަރަންޓުގެ މައްސަލަ މިދޭތެރެއަކުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މިއަހަރު މަހެއް ހާ ދުވަހަށް ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ކުރިމަތިވެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެރަށަށް ގޮސް ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީފައެވެ.

ކަރަންޓުގެ މައްސަލަ އާއި ގުޅިގެން ރައީސް ޑރ. މުއިއްޒު "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށާއި ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތީ އެކެނި ނޫންކަމަށެވެ. ފެނަކައިގެ ޖެން ސެޓް ތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.