ޔާސް އިންވެސްޓްމެންޓުގެ ފޯއް ޕެކެޓަކީ ހުއްދަ ދީފައިވާ އުފެއްދުމެއް ނޫންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާސް އިންވެސްޓްމެންޓުން ތައްޔާރުކޮށް ވިއްކާ ފޮނި ފޯއް ޕެކެޓުގެ ލޭބަލްގައި "އެޕްރޫވްޑް ބައި އެމްއެފްޑީއޭ" ޖަަހައިގެން ވިއްކަމުންދާކަމަށާއި، ނަމަވެސް މިއީ އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އުފެއްދުމެއް ނޫން ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި އުފައްދާ އަދި ހިދުމަތް ދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރި ނަމަވެސް މިފަދަ ތަންތަނުން އުފައްދާ ވަކިވަކި އުފެއްދުންތަކަށް ފާސްކޮށް ހުއްދަ ދޫނުކުރާ ކަމަށެވެ. އެހެންކަމުން އެމްއެފްޑީއޭއިން އެޕްރޫވްކޮށްފައިވާ ކަން ދޭހަވާ ފަދަ އިބާރާތް ބޭނުންކުރުމަކީ އެތަކެތި ގަންނަ އަދި ބޭނުންކުރާ ފަރާތްތަކަށް އޮޅުންއަރާ ކަމެއް ކަމުގައި އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން އިތުރަށް ބުނީ މިފަދައިން އަމަލުކުރާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން އެމްއެފްޑީއޭއިން އަންނަނީ ރާއްޖެ އެތެރެކުރާ ބޭސްތަކުގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާ ކަމަށާއި އެފަދަ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކުރަން ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރާ ކަމަށް އެ އޮތޯރިޓީގެ ބުނެއެވެ.