ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ޖިންސީ ގޯނާކުރާ މަންޒަރު ފެނުމަށް މަގުފަހިވާ ވަސީލަތްތަކަށް އާބާދީގެ ނިސްބަތުން އެންމެ ފަސޭހައިން ލިބެން ހުންނަ ގައުމަކީ ރާއްޖެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

"ޗައިލްޑްލައިޓް - ގްލޯބަލް ޗައިލް ސޭފްޓީ އިންސްޓިޓިއުޓް" ދެކެނު އޭޝިޔާގެ 8 ގައުމެއްގެ ތަފާސްހިސާބަށް ބަލައި އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ޗައިލް ސެކްޝުއަލް އެބިއުސް މެޓީރިއަލް ނުވަތަ ސީއެސްއޭއެމް ރޭޓް، ދެކުނު އޭޝިއާގައި އެންމެ މަތި ގައުމަކީ ރާއްޖެއެވެ. މި ރިޕޯޓުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯ، ފޮޓޯ، އޭއައި މެދުވެރިކޮށް އުފައްދާފައިވާ އެފަދަ ތަކެތި އުފައްދާ މިންވަރާއި ލިބެން ހުންނަ މިންވަރު ހާމަކޮށްފައެވެ.

އެގޮތުން ކޮންމެ 10،000 މީހުންގެ ތެރެއިން 158.4 މީހުން، ކުޑަކުދިންނާ ގުޅޭ ބަދުއަހްލާގީ ޒާތުގެ ތަކެއްޗަށް އެކްސެސްވެވެއެވެ. ރާއްޖެއަށް ފަހު އެ ރޭޓް އެންމެ މަތީ ބަންގްލަދޭޝްގައެވެ. އެއީ ކޮންމެ 10،000 މީހަކަށް 64.1 މީހުންނެވެ.

އިންޓަނެޓް ވޮޗް ފައުންޑޭޝަން (އައިޑަބްލިޔުއެފް)އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އިންޓަނެޓް ހޮޓްލައިންސް (އިންހޯޕް)ގެ ޑާޓާތަކަށް ބަލައިގެން އެކުލަވާލި މި ރިޕޯޓުގައިވާ ގޮތުން 2023ވަނަ އަހަރު ރާއްޖޭގައި އެންމެ ގިނައިން ހޯދާފައިވަނީ 3 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯއެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނައިރު އެ އިންސްޓިޓިއުޓްއިން މިކަން ވަނީ ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.