އައްޑޫ ސިޓީ, ހިތަދޫގައި ފްލެޓެއްގެ މަތިން ކުޑަ އަންހެންކުއްޖަކު ވެއްޓިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 12:00 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ހިތަދޫ، ފްލެޓް ނަމްބަރު 14 ގެ ދެވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިގެން ނެވެ. ފުލުހުން ބުނީ ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.
'ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ ކުއްޖާ ވެއްޓުމާއި ގުޅިގެން ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އެ ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުން އަންނައިރު އިއްޔެ ވެސް މާލޭ ގެއެއްގެ ސިޑިގޮޅިއަށް ބިދޭސީއަކު ވެއްޓި ވަނީ މަރުވެފައިވެއެވެ.
