ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސް އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ އިރު ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މައިގަނޑު ބޭނުމަކީ ފަންނުތައް ވަކިކޮށް އެފަންނަކަށް އެކަށޭނަ އުޖޫރައެއް ކަނޑައެޅުމެވެ. އަދި ދައުލަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރައަކީ އެ ވަޒީފާއަކާ އެކަށޭނެ މުސާރައަކަށް ހެދުމެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

މި ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ސަބަބުން ފަންނުވެރި ދާއިމީ މުވައްޒަފުން ސިވިލް ސާވިސްގައި އިތުރުވެގެންދާނެއެވެ. ސިވިލް ސާވިސްގައި ހުރި ފަންނުތައް ވަކިކޮށް، އެ ފަންނަކަށް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ ނަތީޖާ އަކީ ކުރާ މަައްކަތާއި އެކަށީގެން ވާ ރަނގަޅު އާމްދަނީއެއް ލިބިގެން ދިއުމެވެ. މިސާލަކަށް ޑްރައިވަރުންގެ ތެރޭގައިވެސް ތަފާތު ވެހިކަލްތައް ދުއްވާ ޑްރައިވަރުން ތިބޭއިރު ކުރިން މުސާރަ އާއި އިނާޔަތްތައް ދެވެމުންދަނީ އެއްވަރަކަށެވެ. އެހެންނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަކްގައި ޑްރައިވަރުންގެ ތެރެއިން ހެވީލޯޑު ވެހިކަލް ޑްރައިވަރުންނަކީ ތަފާތު މަސައްކަތެއް ކުރާ ބަޔަކަށްވާތީ، ހެވީލޯޑު ވެހިކަލް ޑްރައިވަރުންނަން ލިބިގެންދާނީ ކާރު ޑްރައިވަރުންނާ ތަފާތު މުސާރަ އާއި އިނާޔަތްތަކެވެ. އޭގެ ސަބަބަކީ އެ ވެހިކަލް ދުއްވަން ބޭނުންވާނެ ސްކިލް ތަފާތުވެފައި، ވެހިކަލް ދުއްވާއިރު ނަގަންޖެހޭ ބުރަވެސް ތަފާތުވުން ހިމެނެއެވެ.

އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުގެ ތެރެއިން

ދައުލަތުގެ ޕޭ ފްރޭމްވަކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާއިރު ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި، އުފުލަންޖެހޭ ބުރައަށާއި އަދި މަސައްކަތްކުރަންޖެހޭ މާހައުލުފަދަ ކަންކަމަށް ބަލައިގެންނެވެ. އެހެންކަމުން މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަންޖެހޭ ރިސްކަށް ބެލިގެންދާނެއެވެ. އަދި ކުރިން ދެމުން އައި ގޮތަށް 'ރިސްކް އެލަވަންސް' ގެ ނަމުގައި ވަކި އެލަވަންސް އެއް ނުދިންކަމުގައި ވިޔަސް މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ރިސްކަށް ހުށަހެޅޭ ފަރާތްތަކަށް ކޮމްޕެންސޭޝަން ދެވޭނެއެވެ.

ވޭމަންޑޫ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މީގެ އިތުރުން މުސާރަ އާއި އިނާޔަތްތައް ބިނާވެގެންވާނީ ހަމައެކަނި ތައުލީމީ ސެޓްފިކެޓްގެ ފެންވަރަށް ނޫނެވެ. މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާއިރު އެ ފަންނެއްގެ ފަންނުވެރިކަމާއި، ފާޑުވެރިކަމާއި، ފަންނެއްގެ ގޮތުން އެ ފަންނަކީ މީހުން ބިނާކުރަންޖެހޭ ފަންނެއްތޯ އާއި އަދި އެ ފަންނަކަށް ވަޒީފާގެ ބާޒާރުގައި ޑިމާންޑް އޮންނަ މިންވަރުފަދަ ކަންކަމަށް ބެލިގެން ދާނެއެވެ. މިސާލަކަށް މީގެ ކުރިން އިދާރާތަކުގައި އެޑްމިނިސްޓްރޭޓިވް ސެކްޝަންގައި ހިމެނޭ އަދި ފައިނޭންސް ސެކްޝަނުގައި ހިމެނޭ 'އެޑްމިނިސްޓްރޭޓިވް އޮފިސަރު' މީގެ ކުރިން ލިބެމުންދާނީ އެއް މުސާރައެކެވެ. އެހެން ނަމަވެސް ފައިނޭންސް ދާއިރާއަކީ ތަފާތު ހުނަރެއް ބޭނުންވާ އަދި މަސައްކަތުގައި ތަފާތު ރިސްކް ނަގަންޖެހުމާއި މާލިއްޔަތު ގަވައިދު ފަދަ ގަވާއިދުތަކަށް އަހުލުވެރިވާންޖެހޭ ބައެއް ކަމަށްވެފައި އަދި ތަފާތު އޮފީސްތަކުގައި އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް މުސާރައިގެ ހަމަހަމަވެގެންދާނެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވާކުން މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައިވެސް ދައުލަތުގެ ފިސްކަލް ކެޕޭސިޓީއަށް ބަލަންޖެހޭއިރު، ފަންނުތަކަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާނީ ދައުލަތުގެ ކެރި ފޯރުންތެރިކަމަށް ރިއާޔަތްކުރެވިގެންނެވެ.

/ ފޮޓޯ: މިހާރު

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ސަބަބުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ލިބޭ އެލަވަންސް 10 ޕަސެންޓަށް ކެޕް ކުރެވިގެންދާނެއެވެ. ހަމައެކަނި މުސާރަ އިތުރުކުރުމުގެ ނިޔަތުގައި އިތުރު ގަޑީގައި މަސައްކަތްކުރުމުގެ ސަގާފަތް ދޫކުރުމަށް އަދާކުރާ ވަޒީފާގެ މުސާރައަކީ އެ މަސައްކަތަށް އެކަށޭނެ މުސާރައަކަށްވެގެންދާނެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަޒީފާގައި ހޭދަކުރާ ވަގުތާއި ދިރިއުޅުމުގައި ހުންނަ އެހެނިހެން ކަންކަމަށް ހޭދަކުރާ ވަގުތު މެނޭޖުކުރުމަށް ނުވަތަ 'ވޯކް ލައިފް ބެލެންސް' އެއް ގެންގުޅުމަށް ވަގުތު ލިބިގެންދާނެއެވެ. މީގެ އިތުރުން ރަސްމީ ގަޑީގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮއްދިނުމުގެ ފުރުސަތު ލިބި މަސައްކަތުގެ ބާވަތުން (ފަހެލި ނުވަތަ ފްލެކްސިބަލް) ގަޑިތައް ހަމަޖެއްސުމުގެ މަގުފަހިވެގެން ދާނެއެވެ. މިސާލަކަށް މެއިންޓެނަންސް ސްޓާފެއްގެ މަސައްކަތް ފެށެން އޮތީ ރަސްމީ ގަޑީގެ ފަސްކަމުގައިވާނަމަ އެ އިދާރާއަކުން އެ މުވައްޒަފުގެ ރަސްމީ ގަޑިގެ ގޮތުގައި މެންދުރުފަހު 2:00 އިން ފެށޭ ގޮތަށް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެންދާނއެވެ. އަދި އެ މުވައްޒަފު ރަސްމީ ގަޑިން ފެށިގެން މަސައްކަތް ފެށޭގަޑީގައި ބޭކާރުވާނޭ ވަގުތު ސަލާމަތް ކުރެވިގެން ދާނެއެވެ.

މީގެ އިތުރުން ހުކުރު / ހޮނިހިރު ދުވަސް، ރަސްމީ ބަންދު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ރަސްމީ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ނުވަތަ އެޓެންޑަންސް ބެނެފިޓް ލިބިގެން ދާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ މިނިމަމް ވޭޖަށް ވުރެ އިތުރުވާނެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ މިހާރު ލިބެމުންދާ އަސާސީ މުސާރަ އާއި އެލަވަންސްތަކަށްވުރެ ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވުމުން ލިބޭ މުސާރަ އާއި ޢިނާޔަތްތަކަށް އަޅާބަލާއިރު އުނިކަމެއް އަންނަނަމަ އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސްގެ ގޮތުގައި އެލަވަންސްއެއް ހަމަޖައްސައިދޭނެއެވެ.