ވައިގަދަވެ އިފުރު އެއާޕޯޓަށް ނުޖެއްސި މަންޓާގެ ފްލައިޓެއް އަނބުރާލައިފިއެވެ.
މި ދުވަސްވަރު ވައިގަދަވެ ކަނޑުތައް ގަދަވެފައިވާއިރު، މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވައިގަދަވުމުގެ ސަބަބުން މަންޓާ އެއާގެ އޭޓީއާރް 600-72 ވަނީ އިފުރު އެއާޕޯޓަށް ނުޖެއްސި އަނބުރާލާފައެވެ.
ވައިގަދަވުމުގެ ސަބަބުން މީގެކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ދާދި ފަހުންވެސް ވައިގަދަވެ މޯލްޑިވިއަންގެ ފްލައިޓަކަށް ހދ. ހަނިމާދޫ އެއާޕޯޓަށް ނުޖެއްސި ގިނަ އިރުތަކެއް މަތީ އުނދުހުމަށްފަހު އެނބުރި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.
ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުންވެސް ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން މެޓުން މިއަދު ވަނީ 14:30 އިން 20:30 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ.