ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަދި މަންތާ އެއާ ގުޅިގެން ބެންގަލޫރުގައި ރޯޑް ޝޯއެއް ބާއްވަން ނިންމައިފިއެވެ.

"އެކްސްޕްލޯ މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދާ މި ރޯޑު ޝޯ އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގެ ޝަންގްރިލާ ހޮޓެލްގައި ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

އެމްއެމްޕީއާރްސީއިން ބުނީ މި ރޯޑްޝޯއަކީ އިންޑިއާއިން ރާއްޖެއަށް ޒިޔާރާތް ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުވެ ގުޅުން ބަދަހި ކުރުމަށް ބޭއްވޭ ރޯޑްޝޯއެއް ކަމަށެވެ. މި ރޯޑްޝޯގައި 150އަށްވުރެ ގިނަ ޓްރެވެލް އެޖެންޓުންގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި އިންޑިއާގެ މީޑިއާތަކުގެ މީހުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

ރޯޑްޝޯގައި ރާއްޖެއިން ބައިވެރިވާ ފަރާތްތައް:

  • ޔުނިވާސަލް ރިސޯޓްސް
  • މައިނާ ހޮޓެލްސް
  • އެން އެޗް ކަލެކްޝަން
  • އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް
  • ސަން ސިޔާމް ރިސޯޓްސް
  • ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް
  • ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް
  • އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް
  • އަންގްސަނާ
  • ކޯމޯ
  • ރިއޫ

މީގެއިތުރުން ވެސް އެތައް ރިސޯޓުތަކަކުންނާއި ގެސްޓްހައުސްތަކެއް މި ރޯޑްޝޯގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

އިންޑިއާއަކީ އިންޑިއާ އަކީ މިއަދު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓޫރިޒަމް މާކެޓްކަން ފާހަގަ ކުރައްވާ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި މި ރޯޑްޝޯއަކީ އިންޑިޔާގެ މާކެޓުތަކާ ގުޅުން ބަދަހި ކުރުމަށް މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި، އިންޑިއާގެ ޓްރެވަލް މާކެޓާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ރޯޑްޝޯގެ މަގްސަދަކީ އިންޑިޔާގެ މާކެޓުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އިންޑިއާގެ އިންޑަސްޓްރީގެ އިސް ފަރާތްތަކާއި، ޓްރެވަލް އެޖެންސީތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، މީޑިއާ ފަދަ ފަރާތްތަކާ ބައްދަލުކޮށް، މާނަހުރި ގުޅުމެއް އުފެއްދުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.