ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންތާ އެއާ އިން ދ. ކުޑަހުވަދު އާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ބެންގަލޫރުން ދ. އަތޮޅުގެ އެއާޕޯޓަށް އައި މަންތާ އެއާގެ އެންމެ ފުރަތަމަ ފްލައިޓް ވަނީ މިއަދު ބާއްވައިފައެވެ.

މަންތާ އެއާ އިން ބުނީ، ކުޑަހުވަދު އާއި ބެންގަލޫރާ ދެމެދު ސީދާ ވައިގެ އުދުހުންތައް ފެށުމުން، ފަސިންޖަރުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެ، ވަގުތު ސަލާމަތްވާނެ ކަމަށެވެ.

އެ އެއާލައިނުން ބުނި ގޮތުގައި، ކުޑަހުވަދު އާއި ބެންގަލޫރާ ދެމެދު ދަތުރުތައް ފެށުމުން، ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓުތަކަށް ދިއުމަށް ވެސް ފަސޭހަވެގެން ދާނެއެވެ.

އާންމުކޮށް ރާއްޖެ އަށް ފަތުރުވެރިން އަންނަނީ މައި އެއާޕޯޓު، ވެލާނާ އެއާޕޯޓު މެދުވެރިކޮށެވެ. ފާހަގަކުރެވޭ ގޮތުގައި އައްޑޫ އެއާޕޯޓަށް ސްރީލަންކާގެ ގައުމީ އެއާލައިނުން ސީދާ ދަތުރުތައް ކުރެއެވެ. އަދި ހދ. ހަނިމާދޫ އެއާޕޯޓާއި އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ވައިގެ އުދުހުންތައް ބޭއްވިއެވެ.

އެހެންކަމުން ދާލު އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މައި އެއާޕޯޓަށް ފަހު، މެދުރާއްޖެތެރެ އާއި ރާއްޖޭން ބޭރުގެ ގައުމަކާ ވައިގެ ދަތުރުފަތުރުން ގުޅާލެވޭ ފުރަތަމަ ފަހަރެވެ.