މޫސުން ގޯސްވެ ހަލާކުވީ ގަމަރުގިރީގައި އަޅާފައި އޮތް މަންތާގެ ސީޕްލޭނެއް ކަން އެނގިއްޖެއެވެ.

މައުލޫމާތު އެނގޭ މީހަކު "ދަ ޕްރެސް" އަށް ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ މޫސުން ގޯސްވެގެން މާލޭ ސީޕްލޭން ޓާމިނަލް ބަންދުކޮށްފަ އޮތުމުން އެ ބޯޓު އެޅީ ޗަމްޕާ މުހަންމަދު މޫސާ (އުއްޗު) ގެ ގަމަރުގިރީގައި ކަމަށެވެ. އަދި އިއްޔެ ހެނދުނު ވީއިރު އެ ބޯޓު އޮތީ އެހާ ވަރަށް ހަލާކުވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަން ހިނގާފާއިވަނީ ވާ އައްސާފައި ހުރި (ބޮލާޑް) ތައް ނެއްޓިގެން ބޯޓު ދޫވެގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ އެ ބޯޓު އެހެން އަޅާފައި އޮންނަ ވަގުތު އެއްވެސް މީހަކު ނޫޅޭނެ ކަމަށާއި އެހެންކަމުން އެއްވެސް މީހަކަށް އެ ހާދިސާގައިގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

މިދިޔަ ތިން ދުވަހަކީ ރާއްޖެއަށް މޫސުން ގޯސް ތިން ދުވަހަށްވާނެ ކަމަށް ލަފާކޮށް އޭގެ ކުރިން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެކަމަށް ސަމާލުވުމަށް އަންގާފައެވެ. އެގޮތުން ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އޭރު ވަނީ ބުނެފައެވެ.