ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކުގައި ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަ ކަމާމެދު އޮޑިޓް ރިޕޯޓުގައި ސުވާލު އުފައްދައިފިއެވެ.
ސެންޓަ އެންޓަޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބްލްސްގެ އަގާއި ޖޫރިމަނާގެ ފައިސާ ހޯދަން ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ ހާއްސަ އޮޑިޓެއް ހަދައިދޭން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެދިފައެވެ.
އެއާއެކު އެ މައްސަލައާ ގުޅޭ ހާއްސަ އޮޑިޓަކަށް ފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ، މިދިޔަ ބުދަ ދުވަހު ނެރުއްވި ރިޕޯޓުގައިވާ ގޮތުން، ދައުލަތުން ފައިސާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 6 ދައުވާއެެއް ކޮށްފައި ވެ އެވެ.
އެއީ ދިން ހިދުމަތަށް ފައިސާ ނުލިބޭ ކަމަށް ބުނެ ދައުލަތުގެ ތިން އިދާރާއަކާއި ކުންފުންޏަކާ ދެކޮޅަށް ކުރި ދައުވާތަކެވެ. އެ ދައުވާތަކުގައި، އަގުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނާ 175 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރައެވެ. އަދި ޖޫރިމަނާ އެއްކޮށްލުމުން އެ އަދަދު 410.4 މިލިޔަން ރުފިޔާ އަށް އަރަ އެވެ.
ދައުލަތާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސްއިން ފައިސާ ހޯދަން ކުރި ދައުވާތައް:
- ކަޅުހަމުގެ އަގުގެ ގޮތުގައި 25.3 މިލިޔަން ރުފާ ހޯދަން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ދެކޮޅަށް 2022 ވަނަ އަހަރު ކުރި ދައުވާ
- ކަޅުހަމުގެ އަގުގެ ގޮތުގައި 31.9 މިލިޔަން ރުފިޔާ ހޯދަން އެންވަޔަރްމެންޓް މިނިސްޓްރީއާ ދެކޮޅަށް 2021 ވަނަ އަހަރު ކުރި ދައުވާ
- ފަޔަ ޓްރަކެއްގެ އަގުގެ ގޮތުގައި 20.9 މިލިޔަން ރުފިޔާ ހޯދަން އެމްއޭސީއެލްއާ ދެކޮޅަށް 2022 ވަނަ އަހަރު ކުރި ދައުވާ
- މެޑިކަލް އިކްއިޕްމެންޓްގެ އަގުގެ ގޮތުގައި 79.4 މިލިޔަން ރުފިޔާ ހޯދަން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއާ ދެކޮޅަށް ކުރި ދައުވާ
- މެޑިކަލް އިކްއިޕްމެންޓްގެ އަގުގެ ގޮތުގައި 83.9 މިލިޔަން ރުފިޔާ ހޯދަން 2022 ވަނަ އަަހަރު ކުރި ދައުވާ
- މާލޭ ސިޓީ ކައުންސިލަށް 2006-2010 އަށް ފޯރުކޮށްދިން ކަމަށް ބުނާ ތަކެތީގެ އަގުގެ ގޮތުގައި 168 މިލިޔަން ރުފިޔާ ހޯދަން 2022 ވަނަ އަހަރު ކުރި ދައުވާ
އަދި މީގެ ތެރެއިން ބައެއް މައްސަަލަތަކާ ގުޅޭ އޮޑިޓްތައް މިހާރު ކުރިއަށްދާ ކަމަށާއި އެ އޮޑިޓްތައް ނިމުމުން ތަފްސީލު ހާމަކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ނަމަވެސް، މި އޮޑިޓުގައި ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ފޯރުކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނެ ދައުލަތުން 79 މިލިޔަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިޒަސް އިން ކުރި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔެކިއުންތަކަަކީ ފޯޖްކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ސަބަބުތަކެއް ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު:
- މި މައްސަލައާއި ގުޅިގެން ސެންޓަ އެންޓަޕްރައިސަސްއިން ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތަކުގައި ޑީއެމްއެސްގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް"ގެ ނަމުގައި ސޮއިކޮށްފައިވީ ނަމަވެސް އެ ނަމުގައި އެއްވެސް އިރެއްގައި ޑީއެމްއެސްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ނުވުން
- އެ ކުންފުނިން 2008 ވަނަ އަަހަރު ޑީއެމްއެސްއަށް ސަޕްލައި ކުރި ކަމަށް ބުނާ އައިޓަމްތަކުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރި ތާރީހާއި އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކުގެ ތާރީހާ ދެމެދު ސެންޓާ އެންޓަޕްރައިސަސްގެ ނަމުގައި އެހާތަނަށް އެތެރެކޮށްފައި ވަނީ ހަމައެކަނި 4 އައިޓަމްކަން ފާހަގަކުރެވުން
- 2007 ވަނަ އަހަރު ސެންޓަ އެންޓަޕްރައިސަސްއިން ދޫކުރި ކަމަށް ބުނާ 150،000 ޑޮލަރުގެ ބޭންކު ގެރެންޓީގެ ކޮޕީއެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅި ނަންބަރަކީ އެސްބީއައި އިން ނަންބަރު ޖަހާ ފޯމެޓަށް އޮތް ނަންބަރަކަށް ނުވުން
- މި މަސައްކަތުގެ އިއުލާންގެ ތަރުތީބު ނަންބަރު ދިމާނުވުން ( މި މަސައްކަތުގެ އިއުލާން ތަރުތީބު ނަންބަރަކީ 1204 ނަމަވެސް ފިނޭންސްއިން 2007 ވަނަ އަހަރުގެ އެޕްރީލް 30 އާއި ހަމައަށް އާންމުކޮށްފައިވާ އިއުލާން ތަރުތީބު ނަންބަރަކީ 132 ކަން އެނގެން އޮތުން
މީގެ އިތުރުން ވެސް ރިޕޯޓުގައިވާ ގޮތުން ސެންޓަ އެންޓަޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމުގެ ދައުވާ ކުރުން ލަސްވެފައިވަނީ ފުލުހުން ބަލަމުންދިޔަ އެހެން މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ އޮފީހުގައި ހުރި ލިޔެކިޔުންތަކެއް ގެންދިއުމުގެ ސަބަބުން ކަމަށް ވެއެވެ.
މީގެ އިތުރުން ވެސް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކަމަށް ބުނެ 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް މައްސަލަތައް ހުށަހަޅާފައި ވިޔަސް ސެންޓަ އެންޓަޕްރައިސަސްގެ މާލީ ހިސާބުތުގައި، ކުންފުންޏަށް ލިބެންޖެހި ނުލިބި ހުރި ކަމަށް ޖަހާފައިވާ އަދަދު ވެސް ދައުވާތަކުގެ ޖުމްލަ އަދަދާ ކައިރިވެސް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުން އެނގެއެވެ.
އޮޑިޓް އޮފީހުން ލަފާ އަރުވާފައި ވަނީ އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ރާއްޖޭގެ ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން، ދައުލަތަށް ފޯރުކޮށް ނުދޭ މުދަލަކަށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާ އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށެވެ.