ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައިގައި ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކޮށް ސުވާލުކުރަން ބާއްވާ ބައްދަލުވުން ފަސްކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ސުވާލުކުރަން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާއި ކަސްޓަމްސް އަދި އެމްޕީއެލްގެ އިސްވެރިންނެވެ.
ނަމަވެސް، މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އެ ކޮމިޓީގެ ބައްދަލުވުން އެއް ހަފުތާއަށް ފަސްކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ހަފްތާއަކަށް ކޮމިޓީ ފަސްކުރަން ނިންމީ އެ މައްސަލައިގައި މި ވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި ނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއިން ހިއްސާކޮށްފައި ނުވެއެވެ.
އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ. އަދި އެކަން ފަޅާއަރާފައި ވަނީ މިދިޔަ ހަފުތާގައެވެ. ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ހުރިއިރު އެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ.
އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ.
ވަގަށް 1،360 ކޭސް ސިނގިރޭޓު ނަގަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ތުހުމަތުކުރަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަށެވެ. އޭގެ ތެރެއިން ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
މީގެ އިތުރުން ދެން ހައްޔަރުކުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލެވެ. މި ދެމީހުން ވެސް މަގާމުން ސަސްޕެންޑްކޮށްފައިވާއިރު މި މީހުންގެ އިތުރުން 12 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.