މޭ 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އަލުން ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފިއެވެ.

241 ކޮމިޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ރައީސް ނަޝީދުގެ ހަމަލާއާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ. އަދި އެ ހަމަލާއާ ގުޅިގެން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް އިންޓެލިޖެންސާ ބެހޭ ކަންކަން ބެލޭނެ ގޮތެއް އަދިވެސް ގާއިމުވެފައި ނެތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މި ވާހަކަތަކަށް ޖަވާބުދެއްވަމުން ވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ސިޓީ އޮތީ ލިޔެ ނިންމާފަކަމަށާއި، އެ ސިޓީ މިއަދުގެ ވަގުތެއްގައި ހުށަހަޅުއްވާނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާ އަކީ މޭ 6، 2021 ވަނަ ދުވަހުގެ ރޭ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލާއެކެވެ. ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް އަނިޔާވިއެވެ.

މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.