ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަން ކުރިތޯ ބަލަން އިންކުއަރީއެއް ހިންގަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިިިއެވެ.
މިފަދައިން ނިންމާފައިވަނީ މިއަދު ބޭއްވި 241 ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައެވެ. މި މައްސަލައިގެ ޕާލިމަންޓަރީ އިންކުއަރީއެއް ހަދަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް އެވެެ.
އެގޮތުން އަޒާން ވަނީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް އޭރުގެ ސަރުކާރާއި އެކިއެކި އިދާރާތަކުގެ އިސް ވެރިން އަމަލުކޮށްފައި ވާކަމަށާއި، މި ކަންކަން ހިނގާދިޔަ ގޮތް ބެލުމަށް 241 ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުން ޕާލިމަންޓަރީ އިންކުއަރީއެއް ހިންގަން ހުށަހަޅާފައެވެ. އަދި އަޒާންގެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްވެފައެވެ.
އަޒާން ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ހައިޑްރޯގްރަފީ އެއްބަސްވުމަކީ މިކަމުގެ މިސާލެއް ކަމަށާއި މި އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަމާ ދެކޮޅު ހަދާ ސޮއި ނުކޮށް އޮތް އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަމުގައި މި އެއްބަސްވުމުގައި ސޮއި ކުރުމަށް އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ބަލަން ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ބިނާކުރަމުންދާ ޑޮކްޔާޑްގެ އެއްބަސްވުމަކީ ބަންޑާރަނައިބުގެ ލަފާ އަދި އެމްއެންޑީއެފްގެ އިސް ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ވެސް ނުހޯދާ ކުރި ކަމެއް ކަމަށްވެސް އަޒާން ވަނީ ތުހުމަތު ކުރައްވާފައެވެ.
އަޒާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ނުގެންދަން ނިންމާފައި އޮތް އެއްބަސްވުމެއް ކަމަށާއި ނަމަވެސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި އެއްބަސްވުމެއް ކަމަށެވެ.
އެހެންކަމުން އަޒާން ވިދާޅުވީ މި އެއްބަސްވުންތަކުގައި ސޮއި ކުރުމާ ހަމައަށް އެކަމުގެ މަރުހަލާތައް ކުރިއަށް ގެންދިޔަ ގޮތާއި، އެކަމާ ގުޅިގެން ވަށައިގެންވާ އިތުރު ކަންތައްތައް ބެލަން ޖެހޭ ކަމަށެވެ.
އަޒާންގެ އިތުރުން ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލުކުރި ގޮތާ ބެހޭ މައުލޫމާތު ދިނުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ވަނީ ހުށަހަޅުއްވާފައެވެ.