ފުލުހުންގެ އިސްވެރިންނާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނު ހާޒިރުކުރި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ތާވަލުކުރީ ފުލުހުންނާއި ހޯމްލޭންޑް މިނިސްޓްރީ އާ ބައްދަލުކުރުމަށެވެ.

މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް މިނިސްޓަރު ވަޑައިގެން ދެއްކެވި ވާހަކައިގައި ސިއްރު މައުލޫމާތުތަކެއް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

މިދިޔަ ބައްދަލުވުމުގައި މިނިސްޓަރު ހިއްސާކުރެއްވީ ވައްކަމާއި މަސްތުވާތަކެއްޗާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ ބެހޭ މައުލޫމާތެވެ. ބެލެވޭ ގޮތުގައި މި ބައްދަލުވުމުގައި ވެސް އޭގެ ބައެއް މައުލޫމާތު ހިއްސާކުރައްވާނެއެވެ.

"އެހެންވީމާ އެ ޕްރެޒެންޓޭޝަން މިއަދު އެބައޮތް ދިނުން. އެހެންވީމާ މީތި އެއްބަސްވީން އެ ދުވަހު ވެސް ސިއްރުކޮށްގެން ގެންދާ ގޮތަށް," ސަލީމް ވިދާޅުވި އެވެ.

އެހެންވެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ކޮމިޓީގެ އިއްތިފާގުން ނިންމީ މިއަދުގެ ބައްދަލުވުން ސިއްރުކުރުމަށެވެ.