އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫ އަކީ ޒަމާނުއްސުރެވެސް 'ވިލަޖެއް' ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން ދިޔަ ދެ ރަށެވެ. އަސާސީ ހިދުމަތްތައް ހޯދުމަށްވެސް ސިޓީގެ ގުޅިފައިވާ ރަށްތަކަށް 'ސަލާން ޖަހަން' ޖެހޭ ކަމުގެ ޝަކުވާ އަކީ އަބަދުވެސް އެ ދެ ރަށުގެ ރައްޔިތުންގެ ޝަކުވާއެކެވެ. އައްޑޫ އަށް، ސިޓީއެއްގެ ދަރަޖަ ލިބި އުފެދިގެން ދިޔަ ސިޓީ ކައުންސިލްތަކާއެކު މި ތަކުލީފުތައް އިތުރުވެގެން ދިޔަކަމަށް އެ ދެ ރަށުގެ ގިނަ ރައްޔިތުންވެސް ގަބޫލުކުރެއެވެ. ރަށުގެ ކޮންމެ މަޝްރޫއެއް ނުވަތަ މަސައްކަތެއް ކުރަންޖެހުނަސް ސިޓީ ކައުންސިލަށް 'އާދޭސް' ދަންނަވަންޖެހޭ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން އަބަދުވެސް ސިޓީ ކައުންސިލަށް އަމާޒުވެއެވެ.

އަފިރިންގެ ކައުންސިލް އަފިންނަށް ހޯދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

"އަފިރިންގެ ކައުންސިލް އަފިންނަށް" މަސައްކަތް ފެށިގެން އައީ ކިހިނެތް؟

މި ހުރިހާ ދަތިތަކާ، ޝަކުވާތަކާއެކު 2020 ވަނަ އަހަރު، ހުޅުދޫ އާއި މީދޫ، އައްޑޫ ސިޓީން ވަކިވުމަށް މަޝްވަރާކުރެވި އެކަމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ޕެޓިޝަންތަކާއި، ސިޓީތައް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވުނެވެ. ރައްޔިތުންގެ މަޖިލީސް ތެރެއިން ވެސް މި މަސައްކަތް ކުރިއަށް ދިޔައެވެ. އޭރު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް މިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް އޭރު ރޮޒައިނާ ވިދާޅުވިއެވެ. ހުޅުދޫ އާއި މީދޫއާ ގުޅޭ ކޮންމެ ކަމެއް ނިންމުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ތެރެއިން އެ ދެ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް ލިބެމުންދާ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދު އާއި މީދޫ ވަކިކުރުމާމެދު އާންމު ރައްޔިތުންގެ ހިޔާލު ހުރިނެތްގޮތް ބެލުމުގެ މަސައްކަތް ވެސް އޭރު ކުރެއްވިއެވެ.

އައްޑޫ އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދޫ އާއި މީދޫ އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ގަބޫލުކޮށް 'އަފިރިންގެ ކައުންސިލް އަފިންނަށް' މަސައްކަތް ފެށިގެންދިޔައީ މީގެ 5 އަހަރު ކުރިންނެވެ. މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވި، އެމްޑީޕީ ވެރިކަމުގައިވެސް މީދޫގެ ގިނަ ބަޔަކު ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުނެވެ. އެހެންނަމަވެސް އޭރު އެކަމުގެ މާ ބޮޑު އަލި މަގެއް ނުފެނި ވެރިކަމުގެ އެ ދައުރު ނިމިގެން ދިޔައީއެވެ.

އައްޑޫ ސިޓީގެ ކައުންސިލަރުން / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުން: ގިނަ ރައްޔިތުންގެ އެދުމާއެކު ރިފަރަންޑަމް ވޯޓެއް ނެގުން

އައްޑޫ ސިޓީގެ ތިން އަވަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އައްޑޫ ސިޓީގައި ނެގުމަށް ނިންމާފައިވާ ރިފަރަންޑަމް ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ގޮތެއް ސަރުކާރުން ތަންފީޒު ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާއިރު މި ވޯޓު ނަގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ. ފޭދޫ، ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯއެވެ. މީގެ އިތުރުން، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ކަނޑައެޅުމަށް ނަގާ މި ވޯޓާއި ގުޅިގެން އެ ސިޓީގެ ގިނަ ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.

އައްޑޫ ސިޓީ މީދޫ / ފޮޓޯ: އީމާން

ސިޔާސީ ފަރާތްތަކުން ދެކެނީ ކިހިނެތް؟

- ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ ސިޓީ ކައުންސިލްތައް އޮވެގެން ނުވާ ކަންކަން ރަށު ކައުންސިލްތަކުން ކުރާ ކަމަށާއި، ފޭދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވެއްޖެނަމަ ފޭދުއަށް ކުރާނެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ. ހިތަދޫގައި ބޮޑު އާބާދީއެއް އޮންނަކަން ފާހަގަކޮށް އައިބީ ވިދާޅުވީ، ކައުންސިލްގެ މެޖޯރިޓީ ހިތަދޫއަށް އޮތުމުން، އައްޑޫގެ ތަރައްގީގައި ގޮތް ނިންމާއިރު ގިނަ ކަންތައްތަކެއް ނިމިގެން ދަނީ އައްޑޫގެ އެހެނިހެން ރަށްތައް ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓްގެ ތެރެއިން އައްޑޫ ކައުންސިލަށް ލިބޭ ބޮޑުބައެއް ހޭދަވަނީ ކައުންސިލުން ބޭނުންވާ ދިމަދިމާލަށް ކަމަށެވެ. ފެންނަ ނުފެންނަ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އެހެން ރަށްތައް އޮތުމާ މެދު އައްޑޫ ރައްޔިތުން ގޮތް ނިންމަން އޮތް ރަނގަޅު ފުރުސަތުކަމުގައި ފާހަގަކޮށް އައިބީ ވަނީ މިކަމަށް ވަރަށް ބޮޑަށް ތާއިދުކުރައްވާފައެވެ.

އައްޑޫ ސިޓީ ފޭދޫ، މީދޫ، ހިތަދޫ މަޖިލީސް މެންބަރު އަދި މޭޔަރު ނިޒާރު

- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ ވޯޓެއް ނެގުމަކީ ބައިބައިވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމާއި އެހެނިހެން ކަންކަމާ ގުޅިގެން ވޯޓު ނެގުމަކީ އެއް ބަޔަަކު އަނެއް ބަޔަކަށް ބަސް ބުނަން ލިބޭ ފުރުސަތަކަށް ހެދުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

- މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހްމާން ވަނީ އައްޑޫގެ ވަކިވަކި ރަށްތަކުގައި ކައުންސިލް ހަދާނީތޯ ނޫނީ މިހާރުވެސް އޮތް ގޮތަށް ސިޓީ ކައުންސިލެއްގެ ގޮތުގައި ބާއްވާނީތޯ ނިންމާނީ އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ ރައްޔިތުން އެދޭގޮތައް ކަމަ‏ށް ރައީސް ނިންމެވީތީ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ވަކި ރަށްތަކެއްގެ ގޮތުގައި ތިބި ރާއްޖޭގެ ނިސްބަތުން އާބާދީ އަދި ބިންބޮޑު އައްޑޫގެ ރަށްތަކަށް ލާމަރުކަޒުވުމުގެ އަސްލު ފާއިދާ ލިބޭނީ އައްޑޫ ވަކިވަކި ރަށްތަކުގައި ކައުންސިލް ހަދައިގެން ކަމުގައި އައްދު ވިދާޅުވިއެވެ. މި ކަމުގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ލިބުމުން ޝުކުރު އަދާކޮށް އައްދު ވަނީ މިކަމަށް ތާއިދުކުރައްވާފައެވެ. މީދޫ ދާއިރާގެ ގިނަ ރައްޔިތުން ސިޓީއިން ވަކިވާން ބޭނުންވާކަން އައްދު ހާމަކުރައްވާފައިވާއިރު މި ނިންމުމަށް މީދޫ ކައުންސިލަރު އާމިނަތު ސޯލިހާވެސް ތާއިދުކުރައްވައެވެ.

- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫގެ ރައްޔިތުންނާއި ސިޔާސީވެރިންނަށް އޮތް އެންމެ ބޮޑު ބާރަކީ މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އައްޑޫއަށް އޮތުން ކަމަށެވެ. ވަކިވަކި ކައުންސިލް ހަދާ މި ބާރުވެރިކަން އަތުން ބީވެގެން ހިނގައިދާނެކަން ފާހަގަކޮށް އަޒާން ވިދާޅުވީ މިއީ ސިޔާސީ ގޮތުން އައްޑޫ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ކަމެއް ކަމަށެވެ. ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ހިތަދޫން ކުރަމުން ދިއުމާއި އެ އަވަށުގައި އިދާރީ އިންތިޒާމުތައް ގާއިމްވެފައި އޮތް ގޮތުން، އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ދަތިތައް ދިމާވާކަން ފާހަގަކޮށް އަޒާން ވިދާޅުވީ އެންމެން އެކަތިގަނޑަކަށްވެ އައްޑޫ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ރޭވިފައިވާ ގޮތް ބަދަލުކޮށްގެން މައްސަލަ ހައްލުކުރެވޭނެކަމަށެވެ.

- އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ރޫޅާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށެވެ. އައްޑޫ ސިޓީ ރޫޅާލަން ރައީސްނިންމަނީ އެއްވެސް އިލްމީ ދިރާސާއެއް ކުރުމެއް ނެތި ހަސަދަވެރި މަދުބައެއްގެ ވިސްނުމަށް ކަމަށެވެ. އަދި އައްޑޫ ސިޓީ ރޫޅާލަނީ ހުމުހުތާރު ޑީއާރްޕީގެ ފިކުރަށް ހަޖަމުނުވި އައްޑޫގެ އެއްބައިވަންތަކަމާ، ތަރައްގީއަށް ކުރާ ޑިމާންޑް ނެތިކޮށްލަން ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމަށް ކަމަށް ނިޒާރު ވަނީ ސިފަކޮށްފައެވެ.

ރައްޔިތުންގެ ހިޔާލަކީ ކޮބާ؟

މި ވޯޓާއި ގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް މީހުން ސިފަކުރާ ގޮތުން ވަކިވެ ގަތުމަކީ އިތުރަށް ނިކަމެތިވުމަށް ހުޅުވިގެން ދާ ދޮރެކެވެ. މިއީ ރަށު ކައުންސިލްތަކަށް ސަރުކާރުން ދޭ ބަޖެޓު ކުޑަވެ، ތަރައްގީގެ ކަންކަން ކުރުމުގެ ދޮރު ބަންދުވެގެން ދާނެ ކަމެއްކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސިޓީއެއްގެ ގޮތުގައި އޮވެ ރަށަށް ލިބެމުންދާ ބަޖެޓާއި، ސިޓީއިން ލިބިގެން ދާ ފައިދާ ގެއްލި ފަހުން އެކަމުގެ ގެއްލުން އުފުލަންޖެހިދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.ސިޓީއިން ވަކިވުމަށް ދެކޮޅު ހަދާ ފަރާތްތަކުން އަންނަނީ މިކަމުގައި ވަކިވުމަށްވުރެ އެހެން ރަނގަޅު ގޮތެއް ހޯދުމަށް ގޮވާލާފައެވެ. އިދާރީ ދާއިރާތައް ވަކިކޮށް، އެ ރަށެއްގެ އިދާރީ ކަންކަން ކުރުމުގެ ބާރު އެރަށަކަށް ދިނުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކައުންސިލުން ވަކިވުމާއި ގުޅޭ ގޮތުން ބައެއް ރައްޔިތުންގެ ހިޔާލު

ސިޓި ކައުންސިލުން ވަކިވެ ރަށު ކައުންސިލު ހެދުމަށް ތާއިދުކުރާ ގިނަ ފަރާތްތަކުން ވަނީ މިއީ 'އަޅުވެތިކަމުން' ސަލާމަތްވުމަށް ލިބޭ އެންމެ ފަހު ފުރުސަތުކަމުގައި ބުނެފައެވެ. އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ނެތުމުގެ ތަކުލީފުތައް ހިއްސާކޮށް ހުޅުދޫ އަދި މީދޫ އަވަށު އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް އަންނަނީ އެމީހުންގެ ތަޖުރިބާ ހިއްސާކުރަމުންނެވެ. އައްޑޫ އަތޮޅުގެ ރަށްތަކަކީ ސިޓީއެއްގެ އަވަށްތަކެއްގެ ގޮތުގައި ތަސައްވުރުު ކުރުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއްކަން ފާއިތުވި 15 ވަރަކަށް އަހަރުގެ ތަޖްރިބާ އިން ސާބިތުވާކަމަށް ހުޅުދޫ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވަމުން ގެންދަވާ އިސް ފަރާތަކުން ވަނީ ބުނެފައެވެ. ހުޅުދޫ އަށް ކަނޑައަޅާ ބަޖެޓް، ހިތަދޫ ސިޓީގެ އެކައުންޓެއްގައި އޮންނަކަން ފާހަގަކޮށް އެ ފަރާތުން ބުނީ 'ފަންސުރެއް' ގަންނަން ޖެހުނު ނަމަވެސް އެ ހުއްދަވެސް ހޯދަން ޖެހެނީ މާ ދުރުގައި އޮންނަ ސިޓީ ކައުންސިލުން ކަމަށެވެ.

2020 ވަނަ އަހަރު ފެށިގެން ދިޔަ މަސައްކަތުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

މިއީ ހުޅުދޫ މީދޫ ގިނަ ރައްޔިތުންގެ ޝަކުވާއެވެ. ރަށުން ބިން ދޫކުރުމާއި، ގޯތި ދޫކުރުމާއި ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުން ފެށިގެން ރަށުގައި ކޮންމެ ކަމެއްކުރަން ޖެހުނަސް ކައުންސިލްގެ މެޖޯރިޓީއަށް ތަބާވާން ޖެހުމުގެ ހިތްދަތިކަން މި ދެ ރަށުގެ ކައުންސިލުން ވެސް ތަޖުރިބާކޮށްފައިވެއެވެ. ރަށުން ލިބޭ އާމްދަނީ އިން ރަށަށް، މާ ބޮޑު ފައިދާއެއް ނުކުރާ ކަމުގެ ޝަކުވާތައްވެސް ވަރަށް ބޮޑެވެ. ރަށަށް ކިތަންމެ ފައިދާ ހުރި ކަމެއް ނަމަވެސް އެކަން ބޭނުންވާ ގޮތަށް ނިންމުމުގެ އިހްތިޔާރު ކައުންސިލުންނަށް ނެތްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މެޖޯރިޓީ އޮތީ ރަށާއި ދުރުގައިވާ ރަށުގެ ހާލަތު ނޭގޭ ބައެއްގެ އަތްމަތީގައި ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އަބަދުވެސް ކަންކަން ރާވާ ހިންގުމުގައި ހުޅުދޫ އަދި މީދޫ ބާކީ ކުރާކަމަށް އެ ދަރަށުގެ ރައްޔިތުންވެސް އިއްތިފާގުވެއެވެ.

އައްޑޫ ސިޓީ މީދޫ / ފޮޓޯ: އީމާން

ރަށު ކައުންސިލު ހެދިގެން ދިއުމުން އަމިއްލަ ރަށުގެ ކަންތައްތައް ޕްލޭންކޮށް ހިންގުމުގެ ބާރު ރަށަށް ލިބިގެންދާނެކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އިންވެސްޓްމެންޓުގެ ފިރުސަތު ތަނަވެސްވެ، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ އެހީގެ ފައިދާ ސީދާ ރަށަށްކޮށް ވިޔަފާރި އާއި އިގްތިސާދު ރަނގަޅުވެ އެކަމުގެ ފައިދާ ރަށުގެ ކޮންމެ ރައްޔިތަކަށްވެސް ކުރާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިއީ ރައްޔިތުންގެ ހިޔާލާއި ފިކުރާއި އަދި ރަށުގެ ތަރައްގީ އާއި މުސްތަގުބަލާއި ގުޅިފައިވާ މުހިއްމު މައްސަލައަކަށް ވާއިރު، މިކަން ބައެއް ފަރާތްތަކުން އަންނަނީ ސިޔާސަ ކުރަމުނެވެ. ސަރުކާރުން މިކަމުގައި އެއްވެސް ސްޓޭންޑެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވާއިރު މިއީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ ބައެއް ރައްޔިތުން އަބަދުވެސް ބޭނުންވި ގޮތެވެ. ގޮތް ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. އެކަމަށް އިހްތިރާމްކޮށް ފާޑުކިޔުމާއި، މަލާމަތްކުރުމާއި ހަޖޫޖެހުން ހުއްޓާލަންޖެހެއެވެ.