އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާ ރުޅާލުމުގައި ބޭނުންކޮށްފައިވާ ދުރަށް އަޑު ފޮނުވާ އާލާތް، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)، ދިވެހި ފުލުހުންގެ ހިދުމަތުން 2013 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބޭނުންކުރި ތޫނު އަޑު ފޮނުވާ، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)ގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އެކި ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވަމުން އަންނަ މި ދަނޑިވަޅު އިހްސާން ވިދާޅުވީ އެންމެ ފުރަތަމަ މިޑިވައިސް ބޭނުން ކުރީ 2013 ވަނަ އަހަރު ކަމަށެވެ.
އޭރު ފުލުހުންގެ އުޅަނދެއްގައި ހަރުކޮށްގެން އެލްރެޑް ބޭނުންކުރީ އެސްއޯ ފުލުހުން ކަމަށެވެ. އަދި އޭރު ބޭނުން ކުރީ އެލްރެޑް 300 އެކްސް މޮޑެލްއެއް ކަމަށް އިހްސާން ވިދާޅުވިއެވެ. މީގެ އިތުރުން އިހްސާން ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ބޭނުންކޮށްފައިވަނީ އެލްރެޑް 100 އެކްސް މޮޑެލްއެއް ކަމަށެވެ. މިމޮޑެލްވެސް 2023 ވަނަ އަހަރު މޭއި މަހު ބޭއްވި މުޒާހަރާއެއް ރޫޅާލަންވެސް ފުލުހުން ބޭނުންކުރިކަމަށް އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ މިހާރު 100 އަށްވުރެ ގިނަ ގައުމުގެ ތަންފީޒީ އިދާރާތަކާއި އަސްކަރިއްޔާތަކުން މި އާލަތް ބޭނުން ކުރާ ކަމަށެވެ. އެގޮތުން ދުރުރާސްތާގައި މުއާމަލާތް ކުރުމަށާއި، އެއްވުންތައް ކޮންޓްރޯލް ކުރުމަށާ، ބޯޑަރު ބެލެހެއްޓުމުގައި އަދި ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމުގެ އޮޕަރޭޝަންތަކަށް މިޑިވައިސް ބޭނުންކުރާ ކަމަށް އިހްސާން ވިދާޅުވިއެވެ. މީގެ އިތުރުން އިމަޖެންސީތަކުގައިވެސް މިޑިވައިސް ބޭނުންކުރާކަން މިނިސްޓަރު ވިދާޅުވިއެވެ.