އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާ ނިންމާލައިފިއެވެ.

މި މުޒާހަރާ ނިންމާލާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުންނެވެ. މި މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުވެސް ކޮށްފައިވާއިރު މި މުޒާހަރާ ވަނީ ހަލަބޮލިވެފައެވެ. މުޒާހަރާ ހަލަބޮލިވެފައިވަނީ ފުލުހުން ހުއްދަ ދީފައި ނުވާ މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން ފެށުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ ހުއްދަ ދެވިފައިވާ ރޫޓާއި ހިލާފަށް މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ނުދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދީފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތިވެސް އުކާފައިވާކަމަށެވެ.

ފުލުހުންގެ އާލާތްތައްވެސް މުޒާހަރާގެ ބައިވެރިން އަތުލަން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެއާއެކު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާ އަދި ފަހުން ވަނީ އެލްއާރްއޭޑީ އެލާމްވެސް ބޭނުންކޮށް މީހުން ދުރަށް ޖެއްސުުގެ މަސައްކަތް ކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި މުޒާހަރާ ހަލަބޮލިވެފައިވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ އިސް ލީޑަޝިޕްގެ ބޭފުޅުން ވެސް މުޒާހަރާގެ އެންމެ ކުރީ ސަފަށް އަރާވަޑައިގެން ބެރިކޭޑުތަކުގެ ކުރިމަތީ އިށީނދެވަޑައިގެން ތިއްބެވިވެއެވެ. އޭގެތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްުޔާޒް އިސްމާއިލުގެ އިތުރުން މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ހިމެނެއެވެ.