އައްޑޫސިޓީގެ ހަންކެޑޭގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ވަނީ ކަނޑައަޅާފައެވެ. ހަންކެޑޭގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ނިންމެވުމާ ގުޅިގެން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް އެ ސަރަހައްދު ކުއްޔަށް ދިނުމަށް ޑިސެންބަރު 2، 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު، ވަނީ އުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށަށް މިހާރު ވަނީ ބަދަލުވެފައެވެ.

ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގާ ސަރަހައްދުތަކެއްގެ ގޮތުގައި ސަރުކާރުން ހަންކެޑެ ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ހަންކެޑެ މަޝްރޫއު ކުލަ ގަދަ ހަފްލާއަކާ އެކު މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ އިފްތިތާހު ކޮށްފައެވެ. އެހެންނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާއިރު މިކަމ ގުޅިގެން އައްޑޫގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކޮށް ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.