އުމުރުން 21 އަހަރުގެ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހުޅުމާލެ ފޭސް އެކެއްގެ ނިރޮޅުމަގުގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ އަންހެނަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރް މިއާ 25، އެވެ.
އިއްޔެ ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރީ ސީސީޓީވީ ވީޑިއޯއާ އެ ނޫން މައުލޫމާތުތަކުގެ އަލީގަ އެވެ. އެ މީހާ ހައްޔަރު ކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް ފޭސް ދެއަކުންނެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރީގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.