ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު ވައްކަމަކީ ހަމައެކަނި އޭރު އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު އެކަނި ކުރި ކަމެއް ނޫން ކަމަށާއި ދައުލަތް ލޫޓުވާލުވުގައި އެތައް ބަޔަކަށް ބައި އަޅާފައިވާ ކަން ދަނީ ފަޅާ އަރަމުން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓު އާންމުކޮށްފައިވާ އިރު އޭގައި ކޮރަޕްޝަނުގެ ގިނަ އަދި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. ފެނަކަ ވައްކަމާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަ އާއި ފެނަކައިގެ ކޮރަޕްޝަނާއި ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލަ" ވެސް ސަރުކާރުގެ ސަމާލުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު ގެންނެވި ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުން އެކަމަށް އަޅާ ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން އެހާ ބޮޑެތި ވައްކަންތައް ކޮށްފައިވާ އިރު އެއީ ސައީދަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމުގައި ހިމެނޭ އެންމެނަށް ފިޔަވަޅު އަޅައި ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމަށާއި އެ ވައްކަމުން ބައި އެޅި އެތައްބައެއް މިހާރު ދަނީ ފަޅާއަރަމުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، އެކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ކޮރަޕްޝަނުގެ މައްސަލަތަކަށް މިހާ ދުވަސްވީއިރު އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ވެސް އޭނާ ގޮވާލެއްވިއެވެ. ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
2021 ވަނަ އަހަރުން 2023 އަހަރުގެ ނިޔަލަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވާ ގޮތުގައި ޕެޓީ ކޭޝްގެ ފައިސާގެ ގޮތުގައި ދޫކުރި 26,493,169 ރުފިޔާ ވަގުތީ ވަޒީފާތަކަށް ނެގި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެއެވެ. އަދި ޕެޓީ ކޭޝް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މަގު ފަހިވެފައިވާ ކަމަށްވެސް އެ އޮޑިޓުގައި ވެއެވެ.
އެ ކޯޕަރޭޝަނުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ބްރާންޗުތަކުގައި ރައްކާތެރިކަމާއެކު ފައިސާގެ ކަންކަން ބެލެހެއްޓުމަށް ތިޖޫރި އާއި ކުންފުނީގެ ދާއިމީ މުވައްޒަފުންނާއި އަދި ބައެއް ބްރާންޗުތަކުގައި ބޭންކު އެކައުންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވީ ނަމަވެސް ކުންފުނިން އިން ހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ޕެޓީ ކޭޝް ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓު އުސޫލުން ވަގުތީ ގޮތުން ނަގާފައިވާ މުވައްޒަފުންނާއެވެ.
މީގެ އިތުރުން ފެނަކައިން ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އުސޫލުން ބޭރުން، ބީލަމަށް ނުލައެވެ. އަދި ސައީދުގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.