ސައުދީ އަރަބިއްޔާގެ އިސް މުފްތީ ޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިއަދު އަވަހާރަވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް އަވަހާރަވި ހަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއެކު ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތަށް ލިބުން ހިތާމަވެރި ހަބަރެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޝެއިހްގެ ފުރާނަފުޅު ސުވަރުގޭގައި ލެއްވުން އެދި ދުއާކުރައްވާކަމަށެވެ. އަދި ޝައިހް އަކީ އިސްލާމް ދީނުގެ ރިސާލަތު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްކަމަށާއި، ޝައިހްގެ ވަކިވެދިއުމަކީ އިލްމުވެރިއަކާއި އިތުބާރު ހުރި މުޝީރެއް އިސްލާމީ ގައުމަށް ގެއްލިގެން ދިއުން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި 82 އަހަރުގައި އަވަހާރަވި ޝައިހްގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ޝައިހް އަވަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުވެސް ވަނީ ޝައިހު އަބްދުލްއަޒީޒަކީ އިސްލާމްދީނަށް ވަރަށް ބޮޑަށް ހިދުމަތްކުރެއްވި އިލްމުވެރިއެއް ކަމަށާއި، އެތައް އަހަރެއް ވަންދެން އަރަފާތު ބިމުގައި ހައްޖު ހުތުބާވެސް ދެއްވާފައިވާކަމުގައި ވިދާޅުވެފައެވެ.