އދ. ގެ އާންމު ޖަލްސާގެ ހަވާސާގެ ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލްވާ ގޮތަށް ބައިވެރިވެވަޑައިގަތުމަށް އެ މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ފޮރިން މިނސިްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނަޝީދު ހުންނެވީ ނިއުޔޯކުގައި ނަމަވެސް އެހެން ހައިސިއްޔަތަކުން އދ. އަށް ވަނުމާއި ޖަލްސާގައި ބައިވެރުމަށް ހުރަހެއް ނެތް ނަމަވެސް ސަރުކާރުން ފާސް ހޯދައިދޭން އިންކާރުކުރި ކަމަށް ބުނެ ނަޝީދުގެ އޮފީހުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.
"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ،" ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީކަން ކުރައްވަމުންދާ ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްއިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުހައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ހާރިޖީ ވުޒާރާގައި ރަސްމީކޮށް އެދިވަޑައިގެންފައިނުވާ ކަމަށެވެ.
އަދި އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް ވެސް އަރުވަމުން ގެންދަވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުގެ މަތިން ކުރިއަށް އޮތްތަނުއިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ފޮރިން މިނިސްޓްރީން އަރުވާފައެވެ.