ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށާއި، އެ ޒިންމާ ނަގަހައްޓަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމަކީ އެ ނިޒާމެއްގެ ފުރިހަމަ ބާރު ރައްޔިތުންގެ އަތުގައި އޮންނަ ނިޒާމެއް ކަމަށާއި، މި ނިޒާމުގެ ބާރުތައް ފެށިގެން އަންނަނީވެސް ރައްޔިތުންނާއި ހަމައިން ކަމަށެވެ.

އެހެންކަމުން މި ނިޒާމުގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މީގެތެރެއިން އެންމެ މުހިންމު އެއް ޒިންމާއަކީ އިންތިހާބުތަކުގައި ވޯޓުލާން ދާ ދިއުން ކަމަށެވެ. ވޯޓުލުމަކީ ރައްޔިތުންނަށް ލިބިދޭ މުހިންމު ހައްގެއް ކަމަށާއި، އެ ހައްގު އަދާކުރުމަށް އިލްތިމާސްކުރައްވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އަދި ޑިމޮކްރަސީއަކީ ހިތައް އެރިހާ ގޮތަކަށް އުޅުން ނޫންކަމަށާއި، ހިތައް އެރިހާ އެއްޗެއް ލިޔުމެއްވެސް ނޫންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ހެދިފައި ހުންނަ ގާނޫނުތަކަށް ބޯލެނބުމަކީ މުހިންމު ކަމެއް. ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ރައްޔިތުން ތަބާވީ މިންވަރަކުން ޑިމޮކްރަސީ ހަރުދަނާ ވަމުން ދާނީ.މި ނިޒާމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބާރު ދީފައި އޮންނަ ނިޒާމެއް
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله

ފާހަގަކުރެވޭ ގޮތުގައި މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހަންޖެހޭ ކަމަށާއި، އަދި އަންހެނުންނާއި ޒުވާނުންގެ ދައުރު ވީހާވެސް ފުޅާކުރަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.