ދޮގު މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ އިރު އެ ގޮންޖެހުންތައް ކުޑަކުރުމަށް ސައިންސާއި ޓެކްނޮލިޖީ ބޭނުން ކުރުމުގައި ސުލޫކީ މިންގަނޑުތައް އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، މިހާރު ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ތަގްރީރު ކުރައްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ، ދޮގު މަޢުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ދިމާވާ މިފަދަ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް އާ އީޖާދުތަކާ އެކުއެކީ އެއަށް ބޭނުންވާ ގަވާއިދުތައް ވެސް އެކުލަވާލުމަކީ މުހިންމު ކަމެއްކަކަމަށެވެ. އެގޮތުން، އައިޕީޔޫ އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ގައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ. ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކޮށްގެން ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ.

އައިޕީޔޫގެ މިފަހަރުގެ އެސެމްބްލީގެ މައުލޫއަކީ "ސުލްހަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުން ހިފުން" އެވެ.

މަޖިލީހުގެ ރައީސް ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތަ އާއި ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެ އިން ކުރާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ އާއި ތަހުޒީބު ގެނައުމަށް އަދި ދިވެހިންގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް 28 ގައި އިއުލާން ކުރެއްވި، ފަސް އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިން ގައުމުގެ ކަރަންޓުގެ 33 ޕަސެންޓް ހަމަޖެއްސުމާއި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ކެމްޕޭންގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އަބްދުއްރާހީމް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ޓެކްނޮލޮޖީ ކުރިއެރުވުމަށް ގާނޫނު ހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަޖިލީހުގެ ރައީސް ވަނީ ކޮވިޑުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދިޔަ ގާނޫނު ހަދާ މަޖިލިސްކަން ފާހަގަކުރައްވާފައެވެ. އަދި ޓެކްނޮލޮޖީއާ މެދު މަޖިލީހުގެ ދައުރު އިތުރު ކުރުމުގެ ގޮތުން، އައިސީޓީއާ ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ފުރިހަމަ ޑިޖިޓަލައިޒްޑް އިގްތިސޯދެއް އުފެއްދުމުގެ މަގްސަދުގައި، އާންމު ހިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިން ރަނގަޅު ކުރުމަށް މަސްނޫއީ ވިސްނުން ބޭނުން ކުރުމަށް ވެސް ރާއްޖެ އިން ދަނީ ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ތަގްރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އިސްކަންދީ ސުލްހަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، އާންމުން ތަހައްމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ.