ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތް ހިންގުމަށް ގެންނަވާފައިވާ އިސްލާހީ ބަދަލުތަކާ، ގެންގުޅުއްވާ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކާއެކު ރާއްޖޭގައި ދެން ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފިއެވެ.
ޕީއެންސީ އިން މިފަދައިން ބުނެފައިވަނީ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން އެ ޕާޓީ އިން ބުނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީތައް އެކުލެވޭ ނިޒާމަށް ނުގެނެސް ހުރި މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި އިންތިހާބުތައް އެއްކޮށް ބާއްވާ ގޮތަށް ނިޒާމު ބަދަލު ކުރުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ކަން ކަށަވަރު ކުރުމަށްޓަކައި "މޯލްޑިވްސް ފަސްޓު" ސިޔާސަތު ތައާރަފް ކުރައްވާފައިވާ ކަންވެސް އެ ޕާޓީ އިން ވަނީ ފާހަގަކޮށްފައެވެ.
ޕީއެންސީ އިން ބުނީ ރާއްޖެއަށް ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ތައާރަފް ކުރިތާ މިއަދު 16 އަހަރު ވެގެން ދާއިރު، ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ޑިމޮކްރަސީގެ އާ ބާބެއް ރާއްޖެއިން ފެނިގެންދާނެ ކަމަށެވެ.
މީގެއިތުރުން ޕީއެންސީ އިން ބުނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ޖަލަށްލުމުގެ ސަގާފަތް މިހާރު ވަނީ ނިމުމަކަށް އައިސްފައި ކަމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ލީޑަރުންނަށް މިހާރު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ހިންގުން ހަރުދަނާ ކުރައްވާ އިސްލާމީ މިންގަނޑުގެ ތެރޭ ބައްޓަން ކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާ ކުރާކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.