ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހި ރައްޔިތުންގެ އަޑު އެހުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުންތައް ނިންމުމުގެ ހުރިހާ ފަންތިއެއްގައި ވެސް ހުރިހާ ދިވެހި ރައްޔިތުންގެ އަޑުއެހުން މުހިންމު ކަމަށެވެ.
ޑިމޮކްރަސީގެ އަސާސްތައް ކަށަވަރު ކުރުމަށް މިއަދު މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއެކު ރާއްޖެއިން އަބަދުވެސް ތިބޭނެ ކަމަށެވެ.
ވަކިން ހާއްސަ ގޮތެއްގައި އަސާސީ ހައްގުތައް ހޯދުމަށާއި މިނިވަން މުސްތަގިއްލު ދައުލަތެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމި ހުންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.