ރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާ އުސޫލުތަކާއި ދުރަށް ދާ މަންޒަރުކަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ކަންބޮޑުވުމެއް ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރަސީ، ހޯދުމުގެ ކާމިޔާބީތަކާ ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވަމުން އެ ޕޯސްޓް ޝާހިދު ވިދާޅުވީ، ހިޔާލުފާޅު ކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުވެސް ވަނީ ޑިމޮކްރަސީ ދުވަސް ޑިމޮކްރެޓިކް ހަމަތަކާއި ވައުދު އަލުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. މި ދަތުރަކީ ދިގު ޒަމާންތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއް ނަމަވެސް އެ މަސައްކަތެއް ދުވަހަކުވެސް ނުނިމޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. "އަނެއްކާވެސް އަޅުގަނޑުމެން މިތިބީ ޑިމޮކްރެޓިކް ފަހަތަށް ޖެހުމުގެ މަގުމަތީގައި." ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދައަށް ހިމާޔަތްކުރަންޖެހޭނެ ކަމުގެ ހަނދާންތައް އާ ކޮށްދެމުން ފައްޔާޒު ވިދާޅުވީ އެހެން ނޫންނަމަ އެކަން ގެއްލިގެން ހިނގައިދާނެކަމަށެވެ. "އެކަމަކު އަޅުގަނޑުމެންނަށް އުންމީދު ގެއްލޭންޖެހޭ ސަބަބެއް ނެތް، އިންސާފުވެރި މުޖުތަމައުއެއް ގާއިމުވުމުގެ އުއްމީދު އެބައޮތް" ފައްޔާޒު ވިދާޅުވިއެވެ.
މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރު ހާއްސަ ކޮށްފައި ވަނީ "ހެޔޮ ވެރިކަމެއްގައި އާޓިފިޝަލް އިންޓަލިޖެންސް ވަސީލަތެއްގެ ގޮތުގައި އޮތުމުގެ މުހިންމު ކަމުގެ" މައްޗަށެވެ.