ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދެނެގަތުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށާއި، އެ އިދާރާގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މި މަހުގެ 21 އިން 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއްވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި، ނުކުރާ ފަރާތްތައް މި އިންސްޕެކްޝަންގެ ދަށުން ބަންދުކުރާނެ ކަމަށެވެ. އަދި އެފަރާތްތަކުގެ މައުލޫމާތުވެސް އާންމުކުރާނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ނަގަން ޖެހޭ ހުއްދަ ނުނަގާ އަދި ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ނުބައްދަލު ތަންތަން ބަލާފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ކޮށްފައިވެއެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓުތައް ބަލާފާސްކޮށް މިކަމުގައި ޝާމިލުވާ ބައެއް ބިދޭސީން ޑީޕޯޓުވެސް ކޮށްފައިވެއެވެ.