މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ފިއްލަދޫ - ސީރީންމަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު ޟަމީރު އަދި ލ. ގަން / ތުނޑި. އަރާއިރު އުމުރުން 37 އަހަރުގެ އަލީ ހައިސަލްއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ، ފޭސްބުކް މެސެންޖާއިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އެ މީހާ އޮރިޔާންކޮށް ވީޑިއޯކުރުމަށްފަހު އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން މުހައްމަދު ޟަމީރު އަދި އަލީ ހައިސަލް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން އެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި އެ ތަކެތީގެ އިތުރުން 6 ވަޅި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ހައިސަލް 4 ދުވަހަށް އަދި މުހައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން އަލީ ހައިސަލް އަދި މުހައްމަދު ޟަމީރު ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު 2 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެ މީހުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ދިމާވެފައިވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.