ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނީ ތިނަދޫގައި ތަރައްގީކޮށްފައިވާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ރޯހައުސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ހައުސިން މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
ތިނަދޫއިން ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލުގައި ވާގޮތުން، މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ އަދި ރޯ ހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން ރޯހައުސްއަށް އެދޭ ފަރާތަކީ އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރޯހައުސްއަށް ޕޮއިންޓް ދިނުމުގެ އާއިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށް ހަމަޖެހިފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކައުތެރިކަން ބޭނުންވާ ފަރާތް ނުވަތަ ޝަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް އިސްކަންދޭނެކަމަށް އުސޫލުގައިވެއެވެ.
ތިނަދޫގައި ތަރައްގީކުރާ ތިން ކޮޓަރީގެ ރޯހައުސް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ.