ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހު ހިފާ ހަނދު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ 08:28 ގައި ކަމަށާއި، އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާ ރޭ 11:11 ގައިކަމަށެވެ.

ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މާދަމާ ރޭ މެންދަމު 01:55 ގައިކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 11:12ގައި ކޭތަ ނަމާދު ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މާދަމާ ރޭ ހިފުމަށް ހަމަޖެހިފައިވާ ހަނދުކޭތައަކީ އޭޝިއާ އާއި ޔޫރަޕުގެ އިތުރުން އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު "ބްލަޑް މޫން"އެއް ފެނިގެންދާނެ ހަނދު ކޭތައެކެވެ.

ހަނދުކޭތަ ހިފަނީ އިރާއި ހަނދާ ދެމެދަށް މި ބިން ހުރަސްވެ، ބިމުގެ ހިޔަނި ހަނދަށް އެޅުމުންނެވެ. މާދަމާ ރޭ ހިފާ މި ހަނދުކޭތަ ލޭ ކުލައިން ފެނިގެންދާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތައެއް ފެނިގެންދާނެއެވެ.