ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އިސްލާމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސްގެ ފަރާތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް (ޖާކިމް) އިންނެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މެލޭޝިއާގެ ބޮޑުވަޒީރު ދާތޯ ސެރީ އަންވަރު ބިން އިބްރާހީމްގެ ހާޒިރުގައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
- އިސްލާމީ ކަންކަމާއި ވަގުފް އަދި ހައްޖުގެ ކަންކަން
- ގުރުއާނާ ބެހޭ ކަންކަން
- މިސްކިތްތަކާއި އިސްލާމީ ތާރީހީ ތަރިކަ ރައްކާތެރިކުރުން
- އިސްލާމީ ތައުލީމު ފުޅާކުރުން
- އިސްލާމީ ފަލަކީ އިލްމު (އެސްޓްރޮނޮމީ)
- ހަލާލް ސެޓްފިކޭޝަންގެ ދާއިރާ
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމަކީ ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ހަރުދަނާކޮށް، އިސްލާމްދީނަށާއި މުޖުތަމައަށް ހިދުމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ބާރެއް ކަމަށެވެ.
އަދި މި އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ އިސްކަމަށާއި އެމަނިކުފާނުގެ އަގުހުރި އެއްބާރުލެއްވުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި އެ ގައުމުގެ ސަރުކާރަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކޮށް، ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި އެއްބާރުލުމަކީ ދެ ގައުމަށާއި މުޅި އިސްލާމީ އުންމަތަށް ވެސް ދެމިގެންދާނެ ފައިދާއާއި ބަރަކާތް ލައްވާނެ ކަމެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
