ގދ. ނަޑެއްލާ އަދި ގދ. ހޯނޑެއްދޫގައި އާ މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއު ދެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދެ ރަށުގެ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލްއެވެ.

ނަޑެއްލާގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ހަސަން ފަޔާޒެވެ. ދައުލަތުގެ ބަޖެޓުން 10.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.

ގދ. ހޯނޑެއްދޫގައި މިސްކިތެއް އިމާރާތްކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުން

ހޯނޑެއްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓާ އަމީން މުހައްމަދެވެ. ދަޢުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު ވެސް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.

މި ދެ ރަށުގައި އިމާރާތްކުރާ މިސްކިތްތަކުގައިވެސް ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުގެ އިތުރުން، އިމާމު ކޮޓަރިއާއި، ލައިބްރަރީ އަދި ގުރުއާން ކުލާސް ހިމެނެއެވެ. މީގެއިތުރުން، މި މިސްކިތްތަކަކީ އޭސީ ހަރުކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ސިސްޓަމްވެސް ގާއިމުކުރެވިގެންދާނެ ޒަމާނީ މިސްކިތްތަކެކެވެ.