ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެ، ދެ ގައުމުގެ ދެމެދު ގިނަ އެއްބަސްވުންތަކެއްގައިވެސް ސޮއި ކުރެވިގެން ގޮސްފައިވާ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާދެމެދު އެކިދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު 11 ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ.
މި ފަހުމުނާމާތަކަކީ މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޓިއަންޖިންގައި ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައިވެސް ރައީސް ވަނީ ތަގުރީރުކުރައްވާފައެވެ. އެގޮތުން ރައީސް ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދިވެހިރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއް ކަމުގައި ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ޗައިނާގައި މިހާރު ކުރިއަށްދާ އެސްސީއޯ ޓިއަންޖިން ސަމިޓަކީ 31 އޮގަސްޓް އިން ސެޕްޓެމްބަރު 1، 2025 އަށް ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްސީއޯގެ ހެޑްސް އޮފް ސްޓޭޓް ކައުންސިލްގެ 25 ވަނަ ބައްދަލުވުމެވެ.